ރާއްޖެ އައި އިނގިރޭސިވިލާތުގެ ފަތުރުވެރިޔެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި ސްރީލަންކާ މަގުން ރާއްޖެ އައި އިނގިރޭސި ވިލާތުގެ ފަތުރުވެރިޔެއްގެ އަތުން 12.7 ގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
މިމަހު 6 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިޔަކުގެ ހަރަކާތްތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަސްޓަމްސްއިން ވަނީ އޭނާ ބަލައި ފާސްކޮށްފައެވެ. އަދި އޭނާގެ ދަބަސް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އަތުލައިގަތް ތަކެތި ޓެސްޓް ކުރިއިރު މަސްތުވާ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ ކެނެބިސް އޮށާއި ކެނެބިސް ހާބަލްއެވެ.
އެފަތުރުވެރިޔާ އަދި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާ ތަކެތި ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

