ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލެ ފަޅުތެރެއަށް އެއްލާލާފައިވާ 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި ދައުވާ އުފުލާފައިވާ ކުއްޖާ ގޭގައި ބަންދު ކުރަން ދަށު ކޯޓުތަކުން ނިންމާފައިވާ ނިންމުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
މިމައްސަލައިގެ ދައުވާ އުފުލާފައިވާ އުމުރުން 17 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން ބަންދުކޮށްފައި ހުރި ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދިން ލަފައަކާ ގުޅިގެން ޖުވެނައިލް ކޯޓުން ވަނީ އެކުއްޖާ ގޭ ބަންދުކުރަން ނިންމާފައެވެ.
ކަރެކްޝަންއާއި ފުލުހުން ގުޅިގެން އާ ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށް، އެ ތަނަށް އެ ކުއްޖާ ބަދަލު ކޮށްދޭން ޖުވެނައިލް ކޯޓުގައި ދައުލަތުން އެދިވަޑައިގަތެވެ. ނަމަވެސް އެ ކުއްޖާ ގޭގައި ބަންދު ކުރަން ނިންމި ނިންމުން އެ ކޯޓުން ބަދަލެއް ނުކުރިއެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއެވެ.
މި މައްސަލަ އިސްތިއުނާފްކުރުމަށް ދައުލަތުން ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެހެންކަމުން އިއްޔެ ސްޕްރީމްކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުތަކުގެ ނިންމުން ގޯސްކަމަށާއި ކުއްޖާ ގޭބަންދަށް ބަދަލު ކުރެވޭނީ ކުއްޖާގެ ވަށައިގެންވާ ހުރި ކަންކަމަށާއި ގާނޫނީ ސަބަބުތަކަށް ވެސް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދެވެ.

