ގދ.ތިނަދޫ ހިމެނޭހެން 15 ރަށެއްގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީން ފަށާފައިވާ އެރައިސް މަޝްރޫޢުއަކީ ރާއްޖޭގެ ހަކަތައިގެ ނިޒާމު، އަވިން ހަކަތަ އުފައްދާ ނިޒާމަށް ބަދަލުކުރުމަށް ފަށާފައިވާ ބޮޑު ޕްރޮޖެކްޓެކެވެ. ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ އެރައިސް މަޝްރޫޢުގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު 15 ރަށެއްގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފެށުމައް ތައްޔާރުވެފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިމަޝްރޫޢުގެ ދަށުން ރާއްޖޭގެ 15 ރަށެއްގެ ކަރަންޓު ވިއުގަ ބަދަލުކުރެވިގެންދާނެއެވެ. އެރަށްތަކަކީ:
އައްޑޫ ސިޓީ ގުޅިފައިވާ ރަށްތައް
އައްޑޫ ސިޓީ ހުޅުމީދޫ
ފުވައްމުލައް ސިޓީ
ކުޅުދުއްފުށި ސިޓީ
ގދ.ތިނަދޫ
ބ.އޭދަފުށި
ޅ.ހިންނަވަރު
ލ.ފޮނަދޫ
ލ.އިސްދޫ
ލ.ކަލައިދޫ
ލ.ދަނބިދޫ
ލ.މާބައިދޫ
ލ.ކުނަހަންދޫ
ލ.ހިތަދޫ
ށ.ފުނަދޫ ހިމެނެއެވެ.
30 މިލިޔަން ރުފިޔާގެ މިމަޝްރޫޢުގެ މިމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ވަނީ އިޢުލާންކޮށްފައެވެ.
މިނިސްޓްރީއިން ވިދާޅުވި މި މަސައްކަތަކީ، އަވިން ހަކަތަ އުފައްދާ ނިޒާމަށް ބޭނުންވާ ފެންވަރަށް އިންޖީނުގެތައް ގެނައުމަށް ފެށި މަސައްކަތެއްކަމަށެވެ. އަދި މިމަޝްރޫޢޫގެ ދަށުން މިރަށްރަށުގައި މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކޮށް، ރަށްރަށުގައި ހިއްކި ސަރަޙައްދާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުމާއި، ޓްރާންސްފޯމަރުތައް ބަދަލުކުރުމާއި ސަބް ސްޓޭޝަންތައް ޤާއިމުކުރުމާއި، ނެޓްވަރކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް ކުރުންފަދަ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ބަދަލާއެކު އިންޖީނުގޭގެ އޮޕަރޭޝަން ސްޓޭޓަސް ވަގުތުން ބަލާލެވުމާއި، ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ފަސޭހައިން ދެނެގަނެ ޙައްލުކުރުމަށް އެހީއަކަށް ވެގެންދާނެއެވެ.
ވޯލްޑް ބޭންކުގެ ހިލޭއެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުގެ އެހީގައި ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

