އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބަށް ސަރުކާރުގެ ނުފޫޒު އެބައޮތްް ކަމަށް އެ މަގާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ، ކެމްޕޭން ދަތުރުގައި ހުވަދު އަތޮޅަށް ވަޑައިގެން ތިނަދޫގައި ބޭއްވި ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަައިގައެވެ.
އިންތި ވިދާޅުވީ، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ބައެއް އިސްވެރިން މި އިންތިޚާބަށް ކެމްޕޭން ކުރުމުގައި އިންޒާރު ދޭ ކަމަށާއި، އެހެން ނަމަވެސް މިއީ އެމްޑީޕީ ބިނާކުރަން ބޭނުންވި އުސޫލެއް ނޫން ކަމަށެވެ. އެމްޑީޕީ އަކީ ސަރުކާރުގެ މައި ޕާޓީއަށް ވާއިރު، ލިބިފައި މިވަނީ ސަރުކާރު ދަމަހައްޓަން މުޙިންމު ފުރުސަތެއްކަން އިންތި ފާހަގަކުރެއްވިއެވެ.
“އެމްޑީޕީގެ ހަގީގީ ރޫހު ދަމަހައްޓައި މި ޕާޓީއާ ދޭތެރޭ އެ އިތުބާރު ދެމެހެއްޓުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ލިބިފައި މި އޮތް ފުރުސަތު. އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރެއް މި އޮތީ. އަދި އަޅުގަނޑުމެން އެމްޑީޕީގެ ސުޕަމެޖޯރިޓީއެއް މިވަނީ ލިބިފައި” އިންތި ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ތެރެއިން މިހާރު ފެންނަމުން ދަނީ ޕާޓީ ބިނާވެގެންވާ އަސާސްތަކާއި އުސޫލުތައް އަދި ފަލްސަފާތައް ވަރަށް ދުރަށް ދާތަން ކަމަށެވެ.

