ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކުރެވޭނެ ޤާއިމްކޮށް އެސްޓީއޯއިން ހުޅުވާފައިވާ ފިއުލް ޓެސްޓިން ލެބޯރަޓަރީގައި ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފިއެވެ.
ޕްރޮޑަކްޓް ޓެސްޓިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތަށް އެސްޓީއޯ އިން ހުޅުވި މިލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ފޮނުވި ޖެޓްފިއުލް ސާމްޕަލް އެކެވެ. އެސްޓީއޯ އިން މި ލެބް ގާއިމުކުރުމުގެ ކުރިން، ރާއްޖެ ގެންނަ ތެޔޮ ޓެސްޓް ކުރުމަށް ފޮނުވަމުން ދިޔައީ ރާއްޖެއިން ބޭރަށެވެ.
މި ލެބާއެކު ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރީ-ޓެސްޓު ކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ވަނީ ނިމުމަކަށް ގެނެވިފައެވެ.
އެސްޓީއޯއިން ހާމަކުރާ ގޮތުގައި އެކުންފުނިން ޚަރަދުކޮށްގެން ހުޅުވާފައިވާ މި ލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ. ޖެޓްފިއުލްގެ އިތުރުން ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ ޕެރަމީޓާސްތައް ވެސް މި ލެބޯޓަރީން ޓެސްޓްކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ހުޅުވި މި ލެބޯޓްރީ ވެގެން ދާނީ ރާއްޖޭގައި ހުޅުވޭ ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓް ކުރާ ފުރަތަމަ ތަނަށެވެ. މި ލެބޯޓަރީ އިން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ބަލައި ގަންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.

