ބާރަ ކިލޯގެ ޑްރަގާ ގުޅުން ހުރި މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.
ފުލުހުން ބުނީ ކަނޑުމަގުން ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން މި މަހު 14 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އަދި ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ނ. ވެލިދޫ / މަރިޔާޒް، މުޙައްމަދު ޢަބްދުއްލަޠީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަވްސަރު އަލަމް (30އ) އެވެ. އެ އޮޕަރޭޝަނުގައި، މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު މުޙައްމަދު ޢަބްދުއްލަޠީފަށް ދީފައިވާ ކަމަށެވެ. އަދި ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއާއި ކަވްސަރު އަލަމް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއް ކަމަށާއި އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ މިހާރުވަނީ ކޯޓުގައެވެ.
ފުލުހުން ބުނީ ސްމޭޝް ކޭއޭ ކްރިޝްޓަން އަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި، އެކަމުގައި ޝާމިލުވާ މުޙައްމަދު ޢަބްދުއްލަޠީފަކީ ވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަޙުގީގު ކުރަމުންނެވެ.

