އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ އިންތިހާބު އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ގެންދަނީ ކެމްޕެއިން ނުހަނު ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީ ކެމްޕެއިން އަށް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ތިނަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންވަނީ އެމަނިކުފާނު ޗެއަރޕަރސަން އަކަށް ހޮވިއްޖެ ނަމަ ކުރުމަށް ހުށަހަޅާފައިވާ ކަންތަކުގެ މެނިފެސްޓޯ ރަސްމީކޮށް އިއުލާން ކޮށްފައެވެ.
ތިންވަނަ ކަމަކަށް އިންތިގެ ކެމްޕެއިން ވައުދުތަކުގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ބަސްވިކޭކަން ކަށަވަރުކޮށްދިނުމެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހާއި، ގައުމީ ހިންގާ ކޮމިޓީއާއި، އަތޮޅު/ސިޓީ މަޖިލީހާއި، ޕާޓީގެ ދާއިމީ ކޮމިޓީތައް މެދުވެރިކޮށް އެމްޑީޕީގެ ޙިއްސާ އޮންނަ ސަރުކާރެއްގެ ސިޔާސަތު އެކަށައެޅުމުގައި ޕާޓީގެ އަސާސަތަކަށް ރިޢާޔަތްކުރާ މިންވަރުބަލައި، އެކަން ކަށަވަރުކުރުމަށް ވަނީ ނިންމާފައެވެ.
އަދި އެމްޑީޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯއާއި، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކުރެވޭ މިންވަރު ޕާޓީގެ ދާއިމީ ކޮމިޓީތަކުން ޤަވާއިދުން މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާއިރު ސިޔާސީ މަގާމުތަކަށް ޕާޓީގެ މެމްބަރުން އައްޔަންކުރުމުގައި ރިއާޔަތްކުރާނެ އުސޫލުތަކާއި ހަމަތައް އެކަށައަޅައި، އިޖުރާޢަތުތަކަށް އަމަލުކުރާ މިންވަރު ކަށަވަރުކުރުމަށްވެސް ވަނީ ނިންމާފައެވެ.
އިމްތިޔާޒް ފަހުމީ މި އިންތިޚާބުގައި ވާދަކުރައްވާއިރު، ރައީސް ނަޝީދުގެ ތާޢީދު މިއިންތިޚާބުގައި އޮތީ އެމަނިކުފާނަށެވެ. އަދި އިންތިއާއި ވާދަކުރައްވާ އަނެއް ކެނޑިޑޭޓް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދުކުރައްވައެވެ.

