އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ އިންތިހާބު އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ގެންދަނީ ކެމްޕެއިން ނުހަނު ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީ ކެމްޕެއިން އަށް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ތިނަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންވަނީ އެމަނިކުފާނު ޗެއަރޕަރސަން އަކަށް ހޮވިއްޖެ ނަމަ ކުރުމަށް ހުށަހަޅާފައިވާ ކަންތަކުގެ މެނިފެސްޓޯ ރަސްމީކޮށް އިއުލާން ކޮށްފައެވެ.
އިންތިގެ މެނިފެސްޓޯގައި އެންމެ ފަހު ކަމެއްގެ ގޮތުގައި ލިޔެފައިވަނީ، އަންހެނުންނާއި ޒުވާނުންނަށް ޖާގަ ތަނަވަސްކުރުމަށް މަސައްކަތް ކޮށްދެއްވުމެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރޭގައި ޕާޓީއަށް ދައުލަތުން ލިބޭ ފައިސާ ރަށްރަށާއި، އަތޮޅާއި، ދާއިރާތަކަށް ބަހާލުމުގައި އަންހެނުންގެ ރޫޙަށާއި، ޒުވާނުންގެ ހިތްވަރަށް ޕާޓީއިން ބަޖެޓެއް އެކަށައަޅައި، ތިރީގައިވާ 3 ނުކުތާގެ އަމާޒުގައި ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ހަމަޖެހިފައިވާ ކަންތައްތަކަކީ:
- އިންތިޒާމްވެގެން ހިންގާ ސިޔާސީ ހަރަކާތް ހިންގުމަށް
- ސިޔާސީ ޒުވާނުން އަދި އަންހެނުން އުފެއްދުމަށް ބޭނުންވާ ތަމްރީނާއި، ތަޢުލީމު ފުރުސަތު ފަހިކޮށްދިނުމަށް
- ބައިނަލްއަޤްވާމީ ސިޔާސީ ޖަމްޢިއްޔާ / ޖަމާޢަތްތަކާއެކު ފަންނާއި، ތަޖުރިބާގެ ގުޅުން ބަދަހިކުރުން
އޭގެ އިތުރުން އަންހެނުންގެ ރޫޙާއި، ޒުވާނުންގެ ހިތްވަރުގެ ކޮންގްރެސް ޤަވާއިދުން ބޭއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އަންހެނުންގެ ރޫޙަށާއި، ޒުވާނުންގެ ހިތްވަރަށް ޕާޓީގެ ދާއިމީ ކޮމިޓީތަކުގައި ޖާގަ ކަނޑައެޅުމަށްވެސް ވަނީ ނިންމާފައެވެ.

