ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް އަޅައިލައި އިޙުސާންތެރިވުމަކީ އޭނާގެ މައްޗަށް ދީނީގޮތުން ވާޖިބުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ އިޙުސާންތެރިކަމެވެ.
ޚުތުބާގައި ވަނީ އަޚުވަންތަކަމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ މައްޗަށް އަލިއަޅުވާފައެވެ. އެގޮތުން ތިމާގެ އަމިއްލަ ،މަސްލަޙަތަށްވުރެ އެހެންމީހުންގެ މަސްލަޙަތު އިސްކޮށް އެމީހުންނަށް އަޅާލައި އިހުސާންތެރިވުމަށް ބުނެފައިވެއެވެ. ހަމައެހެންމެ އިޙުސާންތެރުވާންވާނީ ހަމައެކަނި އިންސާނުންނަކަށް ނޫންކަން މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާފައިވެއެވެ.
އިސްލާމީ މުޖުތަމައުގެ އަފްރާދުން ވާންޖެހޭނީ އެއް ހަށުިގަނޑެއްފަދަ އެކުވެރި ބަޔަކަށް ކަމަށާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި، އޯގާތެރިވެ ހެޔޮކޮށް ހިތުމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ. ހަމައެހެންމެ އެއީ މުސްލިމުންގެ އިންސާނިއްޔަތުކަމުގެ އިތުރުން އީމާންތެރިކަމާވެސް ގުޅިފައިވާ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ މީހެކެވެ. އަދި މުސީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންނަށް އެހީތެރިވެ ހަމްދަރުދީ ވާންޖެހެއެވެ. އެފަދަ ވަގުތުތަކުގައި އެމީހުންނަށް އެހީތެރިވެ، އަޅައިލުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް ވާޖިބުކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
” އިސްލާމްދީނުގައި އިޙުސާންތެރިވުމަށް ބާރުއަޅާފައިވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ދިރޭ ހުރިހާ އެއްޗެއް ޢާންމުވެގެންވާ ގޮތުގައި ރަޙުމުކޮށް އޯގާވެރިވުމަކީ ޚާލިޤުވަންތަ ﷲގެ އަމުރުފުޅެކެވެ. ލޮބުވެތި ނަބީއްޔާގެ މުޅި ޙަޔާތްޕުޅުގައި އެކަލޭގެފާނު ދައްކަވާފައިވާ ނަމޫނާއަކީ ދިރޭ ކޮންމެ އެއްޗަކަށް އޯގާތެރިވުމެވެ.” މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

