ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2022" މިއަދު ފަށާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ،
އެމްއެންޑީއެފުން ވިދާޅުވީ މިޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށެވެ.
އަލިފާނުގެ ނުރައްކަލުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް އެމްއެންޑީއެފުން މިޕްރޮގްރާމް ބާއްވައެވެ.
މާލޭގެ އެންމެ ގިނައިން މީހުން އެއްވެ އުލޭ ސަރަހައްދުތަކުގައި މިއަދު ހިންގަމުންދާ މިޕްރޮގްރާމްގައި "ކިޗަން ސިމިއުލޭޓަރ" އެއްގެ އެހީގައި "އޮން ލޮކޭޝަން" ގައި ސްޓޭންޑެއް ބަހައްޓައިގެން އެ ސަރަޙައްދެއްގައި އެފްއާރުއެސްގެ ސިފައިން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
އެމްއެންޑީއެފުން ވިދާޅުވާ ގޮތުގައި ރަމަޟާން މަހަކީ އަލިފާނުގެ ހާދިސާތައް ގިނަ މަހަކަށްވާތީ ރަމަޟާން މަހާއި ދިމާކޮށް މިފަދަ ޕްރޮގްރާމެއް ހިންގުން ވަރަށް މުހިންމެވެ. މި ޕްރޮގްރާމްގައި އާންމު ރައްޔިތުންގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މިޕްރޮގްރާމް ކުރިޔަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 24 ގެ ނިޔަލަށެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުންނެވެ. މީގެ އިތުރުން ވިލިމާލޭ، ހުޅުމާލޭ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ތިލަފުށިގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބަލާލާއިރު:
މާރިޗު 21 ވަނަ ދުވަހު މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭ، ފެރީ ޓާމިނަލް ސަރަހައްދުގައި
މާރިޗު 22 ވަނަ ދުވަހު ތިލަފުށީގައި
މާރިޗު 23 ވަނަ ދުވަހު މަސްވެރިންނަށް އަމާޒުކޮށްގެން ހުޅުމާލޭ ފޭސް 1 ގެ މަސްމާރުކޭޓް ސަރަހައްދުގައި
މާރިޗު 24 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގެ ހިޔާފުލެޓް ސަރަހައްދުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދެވޭނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފް އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ވެސް އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

