މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވަމުން އަންނަ ހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކަމަށް ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނާސިޙް ރަޝީދު ވިދާޅުވެއްޖެއެވެ.
ނާސިހް މިހެން ވިދާޅުވީ، އެމްޑީޕީ ޗެއާޕާރސަން އިންތިޚާބުގައި މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހުވަދޫ މީޑިއާ އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން، ނާސިޙް ވިދާޅުވީ، ރާއިސް ޔާމީން ނުވަތަ ޕީޕީއެމް ރާއްޖޭގެ ވެރިކަމަށް އައިސްފި ކަމުގައިވާނަމަ އެންމެ ދުއްތުރާ ބޮޑުވެގެން ދާނީ ރައީސް ނަޝީދަށް ކަމަށާއި، ފައްޔާޒް މަސައްކަތް ކުރައްވަމުން އެގެންދަވަނީ، ރައިސް ނަޝީދަށާއި، އެމްޑީޕީ އަށް ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް ކަމަށެވެ.
އޭގެ އިތުރުން، ފައްޔާޒް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޕާރޓީ ހިންގެވުމާއި، ރައްޔިތުންނަށް ބޭނުންވާ ހެޔޮވެރިކަން ހޯއްދަވައިދެއްވުމަށް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ނާސިޙް ވިދާޅުވިއެވެ.
“ސަރުކާރުން މިކޮށްދޭ ހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވީ ފައްޔާޒް، އަޅުގަނޑު މިދަންނަވަނީ ތަރައްޤީގެ ހުރިހާކަމެއްގެ ފަހަތުގައި ހުންނެވީ ފައްޔާޒް” – ނާސިހް
ނާސިހް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ކިބައިން ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއާޕާރސަން ކަމަށް ހޮއްވަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ސޯލިހްގެ އެންމެ އަރިސް އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޗެއާޕާސަން ކަމަށް ވާދަކުރައްވާއިރު ދެން ވާދަކުރައްވަނީ ރައީސް ނަޝީދުގެ ތާއީދާއެކު މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒް ފަހުމީއެވެ. އިންތި މިވަގުތު ދަނީ ހުވަދު އަތޮޅުގެ ރަށްތަކުގައި ކެމްޕެެއިންގެ ހަރަކާތްތަށް ކުރިއަށް ގެންދަމުންނެވެ.

