ރަމަޟާން މަހާއި ދިމާކޮށް މާހެފުމަކީ ބިދުޢައެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހާއި ދިމާކޮށް މާހެފުން ނުވަތަ ތަފާތު ކާއެއްޗެއްސާއެކު އެއްތަނަކަށް އެއްވެ ކައިހެދުމަކީ މިހާރު ވަރަށް ޢާންމުކަމެކެވެ. އެފަދަ މާހެފުންތައް އާއިލާ އާއި އަވައްޓެރިންނާއި އޮފީސް ތަކުގައިވެސް ބާއްވަ އެވެ.
މާހެފުމާއި ގުޅިގެން ބައެއް ޢިލްމުވެރިން ދަނީ އެއީ ބިދުޢައެއް ކަމުގައި ބުނަމުންނެވެ. އެފަދަ ޢިލްމުވެރިންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޒައިދު ވިދާޅުވީ މާހެފުމަކީ ބިދުޢައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ދިވެހިން ޘަޤަފީގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އަދި ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
“މާހެފުމަކީ ބިދުޢައެއް ނޫން! މިއީ ދިވެހިން ޘަޤަފީގޮތުން ކުރަމުން އަންނަ ކަމެއް! ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން!” ޝެއިޚް ޒައިދު ވިދާޅުވިއެވެ.

