ކަރުދާސް ހުސްވެ ސްރީލަންކާގެ ސްކޫލެއްގައި ބޭއްވި އިމްތިޙާނެއް ކެންސަލް ކޮށްފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ ސްރީލްނަކާގެ ހުޅަނގު ޕްރޮވިންސްގެ ސްކޫލެއްގައެވެ.
އެ ސްކޫލުގައި ބޭއްވި އިމްތިޙާނު ކެންސަލް ކޮށްފައިވަނީ ކޮލޮމްބޯގައި ޑޮލަރު ލިބުމުގެ ދަތިތައް ކުރިމަތިވެ، ޓެސްޓް ޕޭޕަރު ޕްރިންޓް ކުރާ ކަރުދާސް ލިބުމުގެ ދަތިތައް ކުރިމަތިވުން ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކަރުދާސް ލިބުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ސްރީލަންކާގެ އެޑިއުކޭޝަނާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ ކަރުދާހުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާތީ ހޯމަ ދުވަހުން ފެށިގެން ތާވަލު ކޮށްފައިވާ ޓާމް ޓެސްޓްތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
އެއިދާރާއިން ބުނީ ޕޭޕަރު ޕްރިންޓް ކުރަން ބޭނުންވާ ކަރުދާހާއި ދެލި އެތެރެ ކުރަން ބޭރު ފައިސާ ލިބުމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އެހެން ކަމުން ޓެސްޓުތައް ބޭއްވޭނެ ތާރީޚެއްވެސް ބުނަން ދަތިކަމަށް އެއިދާރާއިން ބުންޏެވެ.

