ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ މިއަދަށް ތާވަލު ކުރެވުނު ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިއަދު ހެދުނު 9:00އަށް ތާވަލް ކުރެވުނު މިއަޑުއެހުން ކެންސަލްކޮށްފައިވަނީ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދި ދައުލަތުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައި އޮތުމުން ކަމަށެވެ. އެހެންނަމަވެސް ދައުލަތުން މިއަޑުއެހުން ކެންސަލް ކުރަން އެދުނު ސަބަބެއް ހާމަކޮށްފައިނުވެއެވެ.
ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެއް ހިމެނޭހެން ޖުމުލަ ހަ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ނިހާންގެ މައްޗަށް 36 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި ނިހާންގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ގިނަ އަދަދެއްގެ ހެކިން ހާޒިރު ކުރަން ވަނީ ހުށަހަޅުއްވާފައެވެ.
އޭގެ ތެރޭގައި މިދިޔަ މަޖިލީހުގައި މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމް ގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީންގެ ނަން ވެސް ވަނީ ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް، މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދާއި އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ގެ ނަން ވެސް ވަނީ ހުށަހަޅުއްވާފައެވެ.
މަޖިލިސް މެންބަރުން ހުށަހަޅުއްވާފައިވަނީ މަޖިލީހުގައި ކަންތައްތައް ކުރާ ގޮތާއި ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި ކަންތައްތައް ނިންމާ ގޮތް ކޯޓުގައި ސާފު ކުރުމަށްޓަކައެވެ. އަދީބުގެ ގާނޫނީ ވަކީލެއް ގޮތުގައި ޝަމީމް އުޅުއްވުމުން އަދީބުގެ ލެޕްޓޮޕުން ފެނުނު މައުލޫމާތު ރަނގަޅު ނޫން ކަން ސާބިތު ކުރަން ޝަމީމް ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ ކަމަށް ނިހާންގެ ފަރާތުން ވިދާޅުވެފައި ވެއެވެ.

