ކޮވިޑް-19ގެ އިތުރު ރާޅެއް ކުރިމަތިވެއްޖެނަމަ ބަލި ކޮންޓްރޯލްކުރުމުގައި އިސްކަންދެއްވާނީ ބަލިފެތުރޭ ސަރަހައްދަކަށް އެކަނި ކަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ބައްޔަކީ ކޮވިޑް-19 ކަމަށާއި، ދުނިޔޭގެ ބޮޑެތި އެހެން ސަރަޙައްދުތަކުގައިވެސް އަދިވެސް ބަލި ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްވެ މިހާރު ވަނީ އެކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލައިފައެވެ. އެގޮތުން ކޮވިޑާއި ގުޅިގެން ނެރުނު ސިއްޚީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައި، މާސްކު އެޅުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ.
މިނިސްޓަރ ވިދާޅުވީ ކޮންމެހެން އިމަރޖެންސީ ހާލަތު ބާއްވާކަށް މިހާރު ނުޖެހޭނެކަމަށާއި މިފިޔަވަޅު ރާއްޖޭގައި އަޅާފައި މިވަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައިކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގައި ކޮވިޑް އޮތްހާ ހިނދަކު ރާއްޖޭގައިވެސް ކޮވިޑްގެ އިތުރު ރާޅަކާޢި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“ރާއްޖޭގެ ކޮންމެ ހިސާބެއްގައި ކޮވިޑްގެ ސާރޖެއް އައި ކަމުގައިވީނަމަވެސް އެތަނެއް ކަރަންޓީނުކޮށްގެން އެކަންތައްތައް ހައްލުކުރެވޭނެ ނިޒާމު އަޅުގަނޑުމެންނަށް ޤާއިމުކުރެވޭނެ މިހާރު. އެއީ މިހާރު އެވަރު ތަޖުރިބާ އަޅުގަނޑުމެންގެ އެބަހުރި. ” މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ރާއްޖޭގައި ކޮވިޑުގެ އައު ވޭރިއަންޓު ފެނުނު ދުވަސްކޮޅު ގިނަ ބަޔަކަށް އެ ބަލި ޖެހުނު ނަމަވެސް އެ ވޭރިއަންޓަކީ މިހާރު ވަރަށް ލުއި ވޭރިއަންޓެެއްގެ ގޮތުގައި ސިފަކޮށްފައެވެ.
.

