މާލޭ މަގުމަތީގައި ސައިކަލް ދުއްވަމުން ދިޔަ މީހެއްގެ ބޮލަށް ބޮޑު ފިލާގަނޑެއް ވެއްޓި އަނިޔާވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަގޮތުގައި މަގުމަތީގައި ސައިކަލް ދުއްވަމުން ދަނިކޮށް މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ބޮޑު ފިލާގަނޑެއް އައިސް ޖެހުނީ ސައިކަލް ދުއްވަން އިން މީހާގެ ކަނދުރާމަތީގައެވެ. އެ ފިލާގަނޑާ އެކު ދަގަނޑު ދެ ހޮޅި ވެސް ވެއްޓެ އެވެ. ނަމަވެސް އެ ހޮޅިން އެއްވެސް މީހެއްގެ ގަޔަކު ނުޖެހެއެވެ.
ފިލާގަނޑު ވެއްޓި އަނިޔާ ލިބުނު މީހާ ސައިކަލް މަޑުކޮށްލާފައި ކަނދުރާގއި އަތްއަޅައިގެން އޮންނަތަން ވީޑިޔޯއިން ފެނިގެންދެއެވެ.
އަނިޔާ ލިބުނު މީހާގެ ކައިރިން ދިޔަ ސައިކަލްގައި އިން މީހާ ސަލާމަތްވީ ހަމަކިރިޔާއެވެ.
މިހާދިސާއާ ގުޅޭގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައިވަނީ މިހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު މާވެޔޮމަގުގައި ކަމަށެވެ. އަދި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެވުނު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިއީ މާލޭގައި އަލަށް ހިނގާ ހާދިސާތަކެއް ނޫނެވެ. އިމާރާތްކުރަމުންދާ ސައިޓުތަކުގައި ސޭފްޓީ ބޭނުން ނުކުރުމުގެ ސަބަބުން މާލޭގައި މިފަދަ ގިނަ ހާދިސާތައް ދަނީ ހިނގަމުންނެވެ.

