މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މިއޮޕަރޭޝަނަކީ ސޯސަން މަގުގައި ރޭ 7:30 ހާއިރުން ފެށިގެން ފުލުހުން ހިންގަމުންދިޔަ ޚާއްސަ އޮޕަރޭޝަނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހަރަކާތްތެރިވެފައި ވަނީ ޕިކަޕެއްގައި ގިނަ އަދަދެއްގެ ފޮށިތަކާއިއެކު މަސްތުވާތަކެތި އުފުލާކަމުގެ މައުލޫމާތު ލިބިގެންނެވެ. އަދި ފުލުހުން ހިފެހެއްޓި ޕިކަޕުގައި ގިނަ ފޮށިތަކެއްް ހުރިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި އޮޕަރޭޝަނުގައި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 2 ދިވެހިންނާއި، 2 ބިދޭސީންއެވެ.
މިކަމާއި ގުޅިގެން ފުލުހުން ހަމައެކަނި ބުނީ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށްދާކަމަށެވެ. އިތުރު މައުލޫމާތު ހާމަކުރާނީ ފަހުންކަމަށް ފުލުހުން ވިދާޅުވެއެވެ.

