މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 9.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މިރާއިން ބުނީ މި އަހަރުގެ މިހާތަނަށް 15 އިންސައްތަ މީހުން މުދަލު ޒަކާތް ދައްކާފައިވާ ކަމަށެެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 8.3 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައިވާ މީހުންގެ ޢަދަދަު މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.
2020 ވަނަ އަހަރު މުދަލުގެ ޒަކާތް ދައްކާފައިވާ މީހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަަށް 8.3 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އަދި 2019 ވަނަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި 44 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ދައްކާފައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރުގެ މުދަލު ޒަކާތް ވާޖިބުވާ ނިސޯބަކީ 7،241.15 ރުފިޔާ ކަމަށް ކަނޑައަޅައިފައެވެ.
މުދަލުގެ ޒަކާތް މީގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުން ދިޔަ ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލުގެ ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފައެވެ.

