ޕީޕީއެމް އާއި ޕީއެންސީން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ނުބޭއްވޭނެ ކަމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވަން ނިންމާފައިވާ އިންޑީޔާ އައުޓް ބޮޑު ހަރަކާތަކީ ޤަވައިދާއި ޚިލާފަށް ބާއްވާ އެއްވުންތަކެއް ކަމަށާއި އެފަދަ އެއްވުންތައް ބޭއްވިޔަ ނުދޭނެ ކަމަށެވެ.
އިމްރާންގެ ވާހަތަކަށް ރައްދު ދެއްވަމުން ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހުންނަވައިގެން އިމްރާން ހެއްދެވީ އިތުރު ފުޅެއް ކަމަށާއި އަންނަ ހުކުރު ދުވަހު އިންޑިޔާ އައުޓްގެ ބޮޑު ހަރަކާތް އޮންނާނެ ކަމަށެވެ.
ހީނާ ވިދާޅުވީ ފުލުހުން އެފަދަ އެންގުމެއް ޕާޓީގެ އެއްވެސް ގުނަވަނަކަށް އަންގާފައި ނުވާ ކަމަށާއި އެއްވުމާ ގުޅިގެން ޕާޓީގެ އެއްވެސް ފަރާތެއް ފުލުހަށް ހާޒިރު ވެސް ކޮށްފައި ނުވާ ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ އެއްވެ އުޅުމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށާއި ފުލުހުންނަށް ނުހުއްޓުވޭނެ ކަމަށެވެ.
ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ “އިންޑިޔާ އައުޓް” ކެމްޕެއިން މިހާރު ދަނީ ވަރަށް ވަރުގަދަ ވަމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހަރަކާތް ދަނީ ކުރިޔަށް ގެންދަމުންނެވެ. އެގޮތުން މިމަހު 25 ވާ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ބޮޑު ހަރަކާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ދަނީ މާލެ ދަތުރު ކުރަމުންނެވެ.

