ރޭ މާލެއިން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 13 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ވިދާޅުވެއްޖެއެވެ.
ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ މާލެއިން އަތުލައިގަތް 17 ކިލޯގެ މަސްތުވާ ތަކެތީގެ އަގު 13 މިލިޔަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށާއި ރޭ އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވަ ކެނެބިސް ފަތާއި އެއިން އުފައްދާ މަސްތުވާ ތެޔޮ ހިމެނޭ ކަމަށެވެ.
ގަސް ކާނާ ޕެކެޓެއްގެ ތެރެޔަށް ލައި ފޮރުވައިގެން ގާތްގަނޑަކަށް 15 ކަރުދާސް ފޮށިގަނޑުގައި ރާއްޖެއަށް އެތެރެ ކުރަން އުޅުނު 17 ކިލޯ މަސްތުވާ ތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ. އަދި މިމައްސަލައިގައި ދިވެހި ދެފިރިހެނުން ހިމެނޭހެން ހަތަރު މީހަކު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައެވެ.
މިމައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރޭގައި ބިދޭސީ ދެފިރިހެނުން ހިމެނެއެވެ.

