ދުނިޔޭގެވެސް އެންމެ ކުރިއަރާފައިވާ ވަކިވަކި ވީޑިއޯ އަދި އޯޑިއޯ ސްޓްރީމިންގ ޕްލެޓްފޯމްތަކާއި ކޮންޓެންޓް-އާޓިސްޓް ޑޭޓާބޭސް ފަދަ ޕްލެޓްފޯމްތަކުގެ ފީޗާތައް ހިމެނޭ ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން ތައާރަފްކޮށްފިއެވެ.
މިއެޕްލިކޭޝަން ތައާރަފްކުރުމަށް ބޭއްވުނު ހާއްސަ ހަފްލާގައި ރާއްޖޭގެ ޓެލެކޮމިއުނޮކޭޝަން ދާއިރާގެ އިސް ފަރާތްތަކާއި މީޑިއާތަކުގެ އިސްފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބައިސްކޯފުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިރުސާން ވިދާޅުވީ ބައިސްކޯފުގެ ޓީވީ އެޕް ތައާރަފްކުރެވުނީ ބައިސްކޯފު ބޭނުންކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކަމަށާއި ބައިސްކޯފު އެޕަކީ ރާއްޖޭގައި ހިންގާ އެހެން ސްޓްރީމިންގ ޕްލޭޓްފޯމްތަކާ ވަރަށް ތަފާތު ހައިބްރިޑް އެޕެއް ކަމަށެވެ.
ބައިސްކޯފުގެ ޓީވީ އެޕް ރަސްމިއްޔާތުގެ ބައިވެރިންނަށް ދައްކާލަމުން ބައިސްކޯފުގެ އާޓް ޑައިރެކްޓަރ ނޫރާ ރަޝީދު ވިދާޅުވީ މިއެޕްގައި މޯބައިލް އެޕްގައިވާ ހުރިހާ ފީޗާ ތަކެއް އެކުލެވިގެންވާނެ ކަމަށާއި އެޕަށް މުޅިން އަލަށް އިތުރުކުރެވޭ "އެޓޯލް ޗާޓްސް" ފީޗާސްއިން ކޮންމެ އަތޮޅެއްގައި އެންމެ ހިނގާ ލަވަތައް ބަލާލެވޭނެ ކަމަށެވެ.
ނެޓްފްލިކްސް އެކޭ އެއްގޮތަށް ބައިސްކޯފުވެސް މިހާރު މޮބައިލް ފޯނުން އަދި ޓީވީއިން ބޭނުން ކުރެވޭނެއެވެ. ބައިސްކޯފުން ހާމަކުރި ގޮތުގައި ބައިސްކޯފް ވެބްސައިޓް www.baiskoafu.comއިން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އަދި ދިރާގު ސަބްސްކްރިޕްޝަން ޕޯޓަލް މެދުވެރިކޮށް ބައިސްކޯފަށް ސަބްސްކްރައިބްކުރެވޭނެ އެވެ. އަދި ބައިސްކޯފު ސަބްސްކްރިޕްޝަން އާ ގުޅޭ މައުލޫމާތު ބައިސްކޯފުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ ބައިސްކޯފު ވައިބަރ ސަޕޯޓް 7983863އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިފަދަ އެޕެއް ތައާރަފްކުރިމުގެ މައިގަނޑު މަޤްސަދަކީ ބައިސްކޯފުގެ ކޮންޓެންޓް ބޮޑު ސްކްރީނަކުން ބަލާލުމުގެ ފުރުސަތު ބައިސްކޯފު ބޭނުންކުރާ ފަރާތްތަކަށް ހޯދައިދިނުން ކަމަށް ބައިސްކޯފުން ވަނީ ބުނެފައެވެ.

