އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ޗައިނާގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު ޗައިނާ ފްލައިޓުން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ވެފައި ނުވާ ކަމަށް، ޗައިނާގެ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ޗައިނާގެ ކުންމިންގްއިން ފުރައިގެން ގުއާންގްޝޫއަށް އިއްޔެ ދަތުރުކުރަމުންދިޔަ ފްލައިޓުން 132 ފަސިންޖަރުންނާއި 9 ކުރޫއިން ތިބިއިރު އޭގެތެރެއިން އެކަކުގެ ފުރާނަވެސް ސަލާމަތް ނުވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މިހާދިސާ ހިނގާދިޔަ ސަރަހައްދަށް މިއަދު ހެދުނު ރެސްކިއު ޓީމް ދިޔައިރު ފްލައިޓްގެ ބައިތައް ފެނިފައިވީނަމަވެސް އެފްލައިޓުން ދަތުރުކުރި އެއްވެސް މީހެއް ފެނިފައިނުވެއެވެ. ހާދިސާ ހިނގި ސަރަހައްދަށް ދަތުރު ކުރުމަކީ މާ ފަސޭހަ ކަމެއް ނޫންކަމަށާއި ހާދިސާ ހިނގި ސަރަހައްދަކީ، 3 ފަރާތުންވެސް ފަރުބަދަތައް ވަށާލާފައި ވާ ސަރަހައްދެއް ކަމަށް ރިޕޯޓްތަކުގައިވެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ފްލައިޓް ދަތުރުކުރަމުންދަނިކޮށް ފަރުބަދަ މަތީ ސަރަހައްދަށް ބޯޓު ވެއްޓި، ހުޅުގަނޑު ފަޅައިގެން ދިޔައެވެ. އެފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު މިހާތަނަށް ފެނިފައިނުވެއެވެ. އެހެންކަމުން ޗައިނާގެ މީޑީޔާތަކުން ބުނާގޮތުގައި މިދަތުރުގައި ބައިވެރިވި ފަސިންޖަރުންނާއި ކުރޫއިން ސަލާމަތްވި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
ޗައިނާއަށް ވެއްޓުނު ބޮއިންގްގެ މަތިންދާ ބޯޓަކީ، އުދުހުންތަކުގައި ބޭނުން ކުރާތާ 6 އަހަރު ވެފައި ވާ ބޯޓެކެވެ.

