މިސަރުކާރުން ވެފައިވާ ވައުދުތަކާއި އެއްގޮތަށް މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމުގެ ވައުދު ފުއްދަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ މަސްވެރިން ޝަކުވާ ކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މެމްބަރު ހުސެއިން ފިރުޝާން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ފިރުޝާން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މަސްވެރިންނާއި ބައްދަލުވެ ވާހަކަ ދައްކާލުމުން އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯ އާއި މިއަދުގެ ސަރުކާރު ވެރިކަމަށް އައުމަށް އެކުލަވާލި ރިޔާސީ މެނިފެސްޓޯގައި އެންމެ ބޮޑު އެއް ވައުދެއް ގޮތުގައި ހިމެނޭ މަސްވެރިންނަށް ހަމައަގު ދިނުމަށް ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާ އެއްކަމަށެވެ.
ފިރުޝާން ބުނާގޮތުގައި މަސްވެރިން ބާނާ މަހަށް ތެލުގެ އަގާއި އެއްވަރަށް ހަމަ އަގު ނުލިބޭ ކަމަށް މަސްވެރިން ދަނީ ޝަކުވާ ކުރަމުންނެވެ. ތެލުގެ އަގު ބޮޑުކުރުމުން ތެލަށް ލާރިކޮޅު ދައްކާލީމާ އެވްރެޖްކޮށް މަސްވެރިންނަށް ބަހާނެ ފައިސާ ނެތި ރެއާ ދުވާލު ކުރާ މަސައްކަތް އޭގެ އިތުރުން މަސްކިރާ ބޯޓުތައް ނެތުމާއި، ފެސިލިޓީތައް ނެތުމުގެ ޝަކުވާ ބޮޑުވެފައިވާ ކަން ފިރުޝާން ފާހަނގަކޮށްލިއެވެ.
"މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް އެޖެންޑާ 19 އިން ވީ ވައުދާ އެއްގޮތަށް 2019 ވަނަ އަހަރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު މަޖިލީހުން ވަނީ ފާސްކޮށްފައި، ނަމަވެސް އެ ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާކަން ހިތާމައާ އެކު ފާހަގަ ކޮށްލަންޖެހޭ" ފިރުޝާން ވިދާޅުވިއެވެ.
މަސްވެރިކަމުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ މަސްވެރިކަމުގެ މެނޭޖްމެންޓް ޕްލޭންތައް ހަދައި ތަންފީޒު ކުރަން ސަރުކާރުން ފަސްޖެހޭކަންވެސް ފިރުޝާންގެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މަސް ޕްރޮސެސް ކުރާ ތަންތަނާއި ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް އެޅުމަށާއި އެކަމުގައި އަމަލު ކުރަންވީ ގޮތް މަސްވެރިކަމުގެ ޤާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް އެކަމަށް ޖާގަ ފަހިކޮށް ނުދީ އޮތުމަކީ ކަންބޮޑު ވުމެއްކަމަށާއި، އެކަން އެގޮތަށް ހިނގަނީ މަސް ބަންދުކުރާ ފެކްޓްރީތައް ހިންގުމުގައި އުޅޭ ސަރުކާރާއި ގުޅުންހުރި ބޮޑެތި ވިޔަފާރިވެރިންގެ ބާރާއި ނުފޫޒުންކަމަށްވެސް މިމައްސަލާގައި ވަނީ ބުނެފައެވެ.

