ގއ ދާންދޫ ކައުންސިލުގެ ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދާންދޫ ކައުންސިލުން މިއަދު އިއުލާންކޮށްފައިވާ މިމުބާރާތުގައި ބައިވެރިވެވޭނީ ދާންދޫގައި ދިރިއުޅޭ ފަރާތްތަކަށް އެކަނި ކަމަށާއި، ޗުއްޓީ އަށް ރަށަށް އައިސް އުޅޭ މީހުންނަށް ބައިވެރި ނުވެވޭނެ ކަމަށް ބުނެފައިވެއެވެ.
މިމުބާރާތަކީ އެކައުންސިލުން މިއަހަރުން ފެށިގެން މުޅިން އަލަށް ބާއްވަން ނިންމާފަައިވާ މުބާރާތެއް ކަމަށާއި، ކޮންމެ އަހަރަކުވެސް މިމުބާރާތް ބޭއްވޭނެ ކަމަށް އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މުބާރާތުގެ ގޮފިތައް:
ބަލައިގެން ކިޔެވުމުގެ ގޮފި
ހިތުން ކިޔެވުމުގެ ގޮފި
މުބާރާތުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ އުމުރުފުރާތައް:
7 އަހަރުން ދަށް (7 އަހަރު ނުފުރޭ)
9 އަހަރުން ދަށް (7 އަހަރު ފުރި 9 އަހަރު ނުފުރޭ)
13 އަހަރުން ދަށް (9 އަހަރު ފުރި 13 އަހަރު ނުފުރޭ)
19 އަހަރުން ދަށް (13 އަހަރު ފުރި 19 އަހަރު ނުފުރޭ)
19 އަހަރުން މަތި (19 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރުފުރާ)
ކަނޑައެޅިފައިވާ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާއިރު، އުމުރުފުރާ ކަނޑައަޅާއިރު ބަލާނީ ރަމަޟާން މަހު 1 އާއި ހަމައަށް ފުރިފައިވާ އަހަރަށް ކަމަށްވެސް އެކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން، 11 އޭޕްރީލް 2022 ވަނަ ދުވަހުގެ ކުރިން އެކައުންސިލުން އާންމުކޮށްފައިވާ މުބާރާތުގެ ފޯރމް ފުރިހަމަކޮށް އެދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރަޖިސްޓްރީ ވުމަށް އެކައުންސިލުން އެދިފައިވެއެވެ.

