ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރއާއި ގދ ހޯނޑެއްދޫ ކައުންސިލް ގުޅިގެން، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އެކުލަވާލުމަށް ހޯނޑެއްދޫ ގައި ސެމިނާރެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް ގދ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ހާމަކޮށްފިއެވެ.
އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއެވުމަށް މިއަދު މެންދުރު އެ ތިނަދޫ ޖެންޑާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ޝާމް ވިދާޅުވީ މި ސެމިނާރަކީ 2022 ން 2026 އަށް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ޖެންޑަރ އީކުއަލިޓީ ޤާނޫން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ހިންގުމަށް ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ. މި ސެމިނާރަކީ އެގޮތަށް ގދ ގައި ހިންގާ ފުރަތަމަ ހަރަކާތް ކަމަށް އަލީ ޝާމް ވިދާޅުވިއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ޢަލީ ޝާމް ވިދާޅުވީ ހޯނޑެއްދޫ ގައި ކުރިޔަށް ގެންދާ ސެމިނާރުގައި ބައިވެރިވާނީ ހޯނޑެއްދޫ ގެ އިތުރުން މަޑަވެލި އަދި ނަޑެއްލާގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ، ހެލްތް ސެންޓަރ، ޕޮލިސް އަދި ސްކޫލްގެ ފަރާތުން ޖުމްލަ 22 ބައިވެރިން ކަމަށާއި އޭގެ އިތުރަށް ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ 3 މީޑިއާ އަކުން މި ސެމިނާރުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއެވުމަށް އެސިސްޓަންޓް ޑިރެކްޓަރ ރަޒާނާ ރަޝީދު މިއަދު ވިދާޅުވީ ހޯނޑެއްދޫ ގައި ފަށާ ޕްރޮގްރާމްއަށް ފަހުގައި އަތޮޅުގެ އެހެން ރަށްރަށަށް އަމާޒު ކޮށްގެން ސެމިނާރ ތަކާއި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކަންކަމަށް މިހާރު ތައްޔާރުވަމުން ދާ ކަމަށެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ރަޒާނާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ބާއްވާ ސެމިނާރަށް ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަނގަކޮށް ކައުންސިލް ރައީސް ހުސައިން ވާރިޝް، ކައުންސިލްގެ މެމްބަރުންނަށް އަދި އިދާރީ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ

