ކަތީބަކީ ރާއްޖޭގެ ރަށްރަށުގެ ޢުމްރާނީ ތަރައްޤީއާއި، ރަށްރަށުގެ ސާފުތާހިރު ކަމާއި، ރައްޔިތުންގެ މަޞްލަޙަތާ ގުޅޭ އެންމެހައި ކަމެއް ކުރުމަށް އެތައް ޒަމާނެއް ވަންދެން ރަށްރަށުގައި އިސްވެ ހުރި މީހާއެވެ. މާލޭގައި ވެސް ކަތީބުގެ ދައުރު އަދާ ކުރާ މީހެއް ނުވަތަ ބަޔަކު އުޅުނު ޒަމާނެއް ފެނުނެވެ. އަދި ކަތީބުގެ ދުވަސްވަރު ރައްޔިތުންނާއި ވެރިކަމުގެ ބާރުތަކާ ދެމެދުގައި ނުވަތަ ރައްޔިތުންނާއި ސަރުކާރާ ދެމެދުގައި ހުރީ ވެސް ކަތީބެވެ.
އިހުޒަމާނުގައި ރަށްރަށުގެ ކަންކަން ހިންގައި ބަލަހައްޓަން ތިބެނީ خطيب ންނެވެ. ޒަމާންތަކަކަށްފަހު خطيب ންނަކީ ހަމައެކަނި ހުކުރު ނަމާދުގެ އިމާމުން ކަމުގައި ހަމަޖައްސަވައި، ރަށްރަށް ހިންގަވައި، ރައްޔިތުންގެ ކަންކަން ބަލަހައްޓާ މީހުންނަކީ ކަތީބުން ކަމުގައި ހަމަޖައްސަވައިފިއެވެ. މިގޮތުގެ މަތިން ޚަޠީބުން އުވި، ކަތީބުން އުފެއްދެވިކަން، ސަރުކާރުން އިއުލާން ކުރެއްވީ 18 ޑިސެންބަރު 1958 ގައެވެ. އަދި މިގޮތަށް ބަދަލުވެ، ޢަމަލުކުރަން ފެށުނީ 1 ޖަނަވަރީ 1959ގައެވެ. އަދި ރަށްރަށުގެ ވެރިންނަށް ފައިސާއިން މުސާރަދޭން ފެށުނީ ވެސް މިތާރީޚުގައެވެ.
2008 ގެ ފެހި ޤާނޫނު އަސާސީގެ ޑިމޮކްރަސީއަކީ ކަތީބު ދެކެ ވަރަށް ރުޅިއައި ނިޒާމެކެވެ. އަތޮޅުވެރިޔާ އަށް ވެސް ވަރަށް ނަފްރަތު ކުރާ ނިޒާމެކެވެ. އެހެންވީމާ އަތޮޅުވެރިއެއް ކަތީބެއް މި ނިޒާމަކަށް ބޭނުމެއް ނުވިއެވެ. އެކަމަކު އަތޮޅުވެރިޔާއާއި ކަތީބު ކުރި މަސައްކަތް އަދިވެސް ކުރަން އެބަޖެހެއެވެ. އެމަސައްކަތްތައް ކުރަން މިހާރު ތިބެނީ ރައީސުންނާއި ކައުންސިލަރުންނާއި މެމްބަރުންނެވެ.
އެކަމަކު ކޮންމެވެސް ތަފާތެއް އެބަފެނެއެވެ. ކަތީބުންނަކީ ވަކި މުޤައްރަރަކަށް ކިޔަވައި ތަކެތި ދަސްކޮށް އިމްތިޙާނު ކުރެވި ފާސްވެގެން ކޮންމެވެސް ވަރެއްގެ ތަޖްރިބާއަކާއެކު އެ މަޤާމުތަކާ ޙަވާލުވާ ބައެކެވެ. މިޒަމާނުގައި ކަންކުރާ ގޮތަކީ ފެންވަރަކަށް ނުބަލައި ވޯޓަކުން ހޮވަނީއެެވެ. ވޯޓުން ހޮވާއިރު ޢާއިލާގެ ކުޑަ ބޮޑު މިނާއި، އެމީހަކު ތަމްސީލުކުރާ ޕާޓީގެ ބައިމަދުކަން ނުވަތަ ބައިބޯ ކަމުގެ ނުފޫޒު ވޯޓުގެ ނަތީޖާއިން ފެނެއެވެ.
އިހުގައި ކަތީބު ގޮވައި ލެއްވީމައި ނުވަތަ ކަތީބު ސަންގު ފުމެލެއްވީމައި ރައްޔިތުން އެއްވެ ކަތީބު ބުނުއްވާ ކަމެއް ކުރައްވައެވެ. ރައްޔިތުންގެ އިސް މީހަކަށް ހުންނަވައިގެން މަގުކޮޅުތަކާއި ބަންޑާރަ ބިންތަކާއި ސަހަރާއާއި އަތިރިމައްޗާއި ހޭޅި ސާފުކުރެއެވެ. ރަށުގެ ކޮންމެ ހިސާބެއްގައި އިށީނދެ އޮށޯވެ އޮވެވޭހައި ސާފުތާހިރުކޮށް ރަށުތެރެ ބާއްވައެވެ.
މަސްދޯނިފަހަރާއި ވަދު ދޯނިފަހަރާއި ދަތުރުވެރިންނަށް ވަދެނުކުމެވޭނޭ ނެރުތައް ހަދައި ބަލަހައްޓައެވެ. ފާލަން އަޅައި ފަސޭހައިން އަރައި ފޭބޭނޭ ގޮތް ހަދައިދެއެވެ. މަސްވެރިކަމުގެ ވާހަކަތަކާއިއެކު މުނިފޫހި ފިލުވައިލާން ތިބޭނޭ ހިތްގައިމު ހޮޅުއަށިތަކާއި، ކުދިކުދި މައިޒާންތައް ހަދައި ދެގޮތެއް ވިޔަ ނުދީ ބެލެހެއްޓެވިއެވެ.
ރައްޔިތުންގެ ތެރޭގައި ދޭދޭ މީހުންގެ ދެމެދުގައި ދެބަސްވުމެއް އުފެދުނަސް އެދެމެދުގައި ހުންނަވަނީ ކަތީބެވެ. ފާތިހާއަކަށް ކަތީބާއި ނުލައި މަލާފަތެއްގެ މަތި ނުނަގާނެއެވެ. ކޮންމެ ކުއްޖަކު އުފަންވާއިރު ބަންގި ގޮވައި ޞަލަވާތް ކިޔަވަން ހުންނަވަނީ ކަތީބެވެ. މީހަކު މަރުވެއްޖެ ނަމަ ކަށުކަމާކެމީގެ ކަންކަން ކޮށް ޢާއިލާއަށް ހިތްވަރު ދެއްވައި ހިތާމައިގައި ބައިވެރިވަނީ ކަތީބެވެ. މިސްކިތްތައް ބަލަހައްޓައި އާބާތުރަ ފިލުވައި މިސްކިތު ބައްތި އަރުވައި މުދިމާއެކު ދީނީ ޝިޢާރު މަތިވެރި ކޮށް ހުކުރު ޚުޠުބާ ކިޔައި ރައްޔިތުންނަށް ނަޞޭޙަތްތެރިވަނީ ކަތީބެވެ.
ރަށްރަށުގައި މިހައި ފުރިހަމަ އިންތިޒާމަކުން ކަތީބު ރަށް ހިންގެވީ މާ ބޮޑު މުސާރައެއް ދީގެން މާބޮޑު ޢިނާޔަތެއް ދީގެން މާބޮޑު އޮފީހަކާއި މާބައިވަރު މުވައްޒަފުން ތިބެގެން ނޫނެވެ. ކަތީބު ރައްޔިތުންނަށް ޒިޔާރަތްކޮށް ޙާލުއަޙުވާލު ބަލައި އެހީތެރިވެދެއްވީ ކަތީބު އެކަން ކޮންމެހެން އެގޮތަށް ކުރައްވަން ޖެހިލައްވައިގެން ނޫނެވެ. އަދި ކެޔޮޅުންނާއެކު ސުފުރާ ކުރައްވައި، އެކުގައި ކޭންބައްލަވައި ހެއްދެވީ ކަތީބުގެ އަންހެނުން ކައްކާފައި ނެތިގެންނެއް ވެސް ނޫނެވެ. އެކަމަކު ކަތިބާއި ރައްޔިތުންގެ ކޮންމެ މީހަކާ ދެމެދުގައި އޮންނަ އެއް ޢާއިލާއެއް ރަމްޒު ކޮށްދޭ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށެވެ.
އަނެއްކޮޅުން ކަތީބުގެ އަންހެނުން ހުންނަނީ ރައްޔިތު އަންހެނުން އެއްވެގެން ކުރާ ކޮންމެ ކަމެއްގައި އެންމެ ކުރީގައެވެ. ވަކިން ޚާއްޞަކޮށް ކުނިކަހައި ބަލަހައްޓާ ސަރަޙައްދުތައް ކުނިކަހައި ބެލެހެއްޓުމުގައެވެ. ކޮންމެ އަންހެނަކު އޭނާގެ ގެއާއި ދިމާއަށް މަގު ކުނިކަހައި ވެލިލައި ސާފުކޮށް ބަލަހައްޓަނީ އެކަކު އަނެކަކަށް އެއްގެ އަނެއް ގެއަކަށް ދޫދިނުމެއް ނެތިއެވެ. ކުރިމަތީގައި ނުވަތަ ޖެހިގެން ހުންނަ ގޭގެ އަންހެން މީހާ ބަލިވިޔަސް ކުނިކަހައި ކައްކައި ކުދިން ބަލައި ހަދާނެއެވެ.
އެއީ ބަންޑާރަ ދަތުރުގެ ޒަމާނެކެވެ. އޮފީހުގެ ހިސާބުތަކާއ އެކިއެކި ރިޕޯޓްތަކާއި، ހޮވައި ލައްގާ ތަކެތި އަމާނަތްތެރި ކަމާއެކު އެއްރަށުން އަނެއް ރަށަށް ފޮނުވަމުން ވާރުވެރިޔާ އަތަށެވެ. ފަހުން އަތޮޅުވެރިޔާ އަތަށެވެ. ވޯކީޓޯކީގެ ޒަމާނަށް އައިއިރު ކަރަންޓެއް ނެތެވެ. އޮފީހުގައި ކަމެއް ކުރަން ވެއްޖެނަމަ ފުޅިބައްތިއަކާއި ފާނޫޒެކެވެ. ނުވަތަ ހޮޅި ބައްތިއަކާއި، ބިގަރެކެވެ. އެކަމެއް ނިމުނީމައި ނިވައިލަނީއެވެ.
ވޯކީޓޯކީ ގުޅާ ގަޑިތަކުގައި ވިއްސާރަޔަސް އަދި ރޭގަނޑަކަސް ކަތީބު ގުޅުއްވަނީ ފޫހިކަމެއް ނެތިއެވެ. އެތެރެއަށް އަޅާ ބެޓަރި ބާރު ދެރަވުން އަވަސް ކަމުން ބޮޑު ބެޓަރި ފޮށި ބޭރުން ގުޅައިގެންނެވެ. އަޑު ސާފުކުރަން ގަހަށާއި، ރުކަށް އޭރިިޔާ ޖަހައި ނަރުގުޅައިގެންނެވެ. އަދި ބައެއް ފަހަރު އަޑުކޮޅަށް ގޮވައި، ކިޔާ އެއްޗެއް އެތައް ފަހަރަކު ކިޔައިގެންނެވެ.
ރައްޔިތު މަސައްކަތްތައް ޒަމާން ފަހަނަޅައި ރަށުތެރޭގެ ކަންކަމުގައި ވެސް އަގުދީގެން ކުރުވާ ޒަމާން އައުމުން އަދި ކަތީބުގެ ނަން ބޯދާވިޔަސް މިހާރު ވެސް އެ ގަބުޅި ކަތީބު ކުރެއްވި ކަންކަން ކުރައްވަން އެބަޖެހެއެވެ. ޒަމާނީ ނަންތަކުގައި ޒަމާނީ ގޮތްތަކާއެކު މިހާރު ވެސް ކުރަނީ އޭރު ވެސް ކުރެއްވި ކަންތައް ތަކެވެ.
ޒަމާނަށް އައި ބަދަލުތަކާއެކު އޮފީސްތަކުގެ އޮނިގަނޑު ވަރުގަދަވެ، ވަސީލަތްތައް ލިބި، ޓެކްނޯލޮޖީއާއި ކުރިއަރާފައިވާ މުވާޞަލާާއެކު ކަތީބުންގެ މަސައްކަތަށްވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ. މުވައްޒަފުން އިތުރު ވެއްޖެއެވެ. އޮފީސްތައް ތަނަވަސް ވެއްޖެއެވެ. ކޮންމެ ވަގުތަކަު ކޮންމެ މީހަކާ މަޝްވަރާ ކޮށްލެވެއެވެ. ވަސީލަތްތަކާއެކު ހިންގުމަށާއި ކަންކަން ކުރުމަށް ފައިސާ ވެސް ލިބިފައި ހުރެެެއެވެ. ލާމަރުކަޒީ ނިޒާމަކުން ކަންކަން ކުރުމާއި ހިންގުމުގެ ބާރުވެސް އެބައޮތެވެ.
ނަމަވެސް މިހުރިހާ ކަމަކާއެކު ކަތީބު ކޮބައިހެއްޔޭ އަހާލަންޖެހޭ ވަރަށް ގިނަ ކަންކަން ފެންނަމުން އެބަދެއެވެ. މިއަދު ކަތީބުގެ މަތިން ހަނދާންވަނީ މަގުމައްޗަށް ނުުކުމެއުޅޭއިރު ދިމާވާ ބައެއް ކަންތައްތަކުންނެވެ. ހަމައެކަނި ރަށްރަށަކުން ނޫނެވެ. މާލޭގެ މަގުތަކުގައި ހިނގާފައި ދާއިރު ވެސް ކަތީބު ކޮބައިހެއްޔޭ ހިތަށްއަރާ ކިތައްމެ ކަމަކާ ދިމާވެއެވެ.
ކަންމިހެން ހުރުމާއެކު މަގުތަކާއި، ހޭޅިޔާއި، އަތިރިމައްޗާއި، ގޮނޑުދޮށާއި، ދައުލަތުގެ ތަންތަނާއި ތަކެއްޗާއި، ރަށުގެ ކޮންމެ ތަނަކާއި ކޮންމެ ކަމެއް ކަތީބަށް ދައްކައި އެންމެންވެގެން ކަތީބުކަން ކުރެވޭތޯ ބަލަން އެބަޖެހެއެވެ. ކަތީބު ނެތަސް ކަތީބު ނެތްތަން ނުދައްކައި ކަތީބުަކަން ކުރެވޭތޯއެވެ. ޖަޒީރާ ރާއްޖެއަކަށް ދެވޭނީ ކަތީބު ކުރެއްވި ކަންކަމާއި، ކަތީބުކަން ވެސް ކޮށްގެން ކަމަށްވާތީއެވެ.
ކަތީބަށް އެހީތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވިދާނޭ ކަމެއް އޮބައޮތެވެ. މަގުމަތީގައި އުޅޭ އިރު ފެންނަ ކަމަކުން ކަތީބު ހަނދާން ވެއްޖެނަމަ ނުވަތަ ކަތީބު ނެތުމުގެ އުނިކަމެއް އިޙުސާސް ކުރެވިއްޖެ ނަމަ ނުވަތަ އެކަމެއް އިޞްލާޙުކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް ފެނިއްޖެނަމަ އެކަމެއް ނުވަތަ އެތަނެއް ފޮޓޯ ނަންގަވައި #ކޮބާކަތީބު ޖައްސަވައި ރަށުގެނަން ލިއުއްވާފައި ޓުވީޓް ކޮށްލައްވާނީއެވެ. އަދި ކޮންތަނެއްކަން ލިއުއްވިޔަސް އެންމެ ރަނގަޅެވެ. ކަތީބަށް އެހީތެރި ވުމަށެވެ

