ޕީޕީއެމް ވެރިކަމެއްގައި ޣައްދާރުންގެ މައްޗަށް ޝަރީޢަތް ހިންގާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އިދިކޮޅުން ބޭއްވި އެބައްދަލުވުމަކީ އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ “އިންޑިއާ އައުޓް” ބޮޑު އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގާފައިވާތީ ބޭއްވި ބައްދަލުވުމެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޣައިރު ޤާނޫނީ އަމުރު ކުރާ ފަރާތްތަކާއި އެފަދަ އަމުރުތަކަށް ތަބާވާ ފަރާތްތަކުގެ މައްސަލަ ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނެ ކަމަށާއި، ހައްޤު އަދަބު ދޭން ޖެހޭ ފަރާތްތަކަށް ދިނުމަށް ޕީޕީއެމްގެ ސަރުކާރަކުން ފަހެއް ނުޖެހޭނެ ކަމަށެވެ.
“ފުލުހުން މިރޭ ބަޔާނެއް ނެރުނީ އިންޑިއާ އައުޓް ހަރަކާތުގައި ހަމަނުޖެހުމެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެންނެއް ނޫނެ. އެއީ ހަގީގަތުގައި ވެސް ސަރުކާރު ނޭވާ ހޮޅިއަށް އެޅިގެން. މިސަރުކާރަށް އެނގޭ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ މިހަރަކާތަކީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދު އޮތް ހަރަކާތެއްކަން. މިހާލަތުގައި މާލޭގައި މީހުން އެއްވެއްޖެނަމަ ސަރުކާރު ދެމިއޮވެދާނެ ކަމާއިމެދު ސަރުކާރަށް ޝައްކު.” ނޫސްވެރިންގެ ބައްދަލުވުގައި އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިދިކޮޅު އެއްވުމުގައި ގޭންގުތައް ބައިވެރިކުރަން އުޅޭކަމަށް ފުލުހުން ބުނެފައިވާތީ އެއީ ކޮން ބައެއްކަން އަންގައިދިނުމަށް ފުލުހުންނަށް މިހާރު ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.
“އަޅުގަނޑުމެން ސިޓީގައި ދެންނެވިން އެ ފަރާތްތަކުގެ މައުލޫމާތު ދޭން. އެފަދަ ފަރާތްތަކާއި ނުލައި މިހަރަކާތް ކުރިއަށް ގެންދަން އަޅުގަނޑުމެން ބޭނުމޭ. އެފަރާތްތައް ތަހުގީގަށް ހާޒިރުކޮށް ސުވާލު ނުކޮށް ތިބީ ކީއްވެތޯ؟ އަދުރޭ ސުވާލުކުރެއްވިއެވެ.

