އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމް އިން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ކައުންސިލް މެމްބަރު ފާތިމަތު ރުކްޝާނާ ހައްޔަރު ކޮށްފިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިއަދު ހަވީރުން ފެށިގެން ކުރިއަށްދާ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން މުޒާހަރާ ފެށެން ދެގަޑިއިރަށްވުރެ ގިނަ ވަގުތު އޮއްވައި ފުލުހުން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދަށް ދެވޭހެން ހުރި މަގުތައް ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އޭގެ އިތުރުން މުޒާހަރާ ހުއްޓުވުމަށް ސިފައިން ވެސް ވަނީ ތައްޔާރަށް ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ކުރިއަށްދާ މުޒާހަރާގެ ބައިވެރިން މިހާރުވެސް ކާނިވާ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު މައުލޫމާތު ލިބިފައިވާގޮތުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 15 މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

