ޕީޕީއެމް ޕީއެންސީން އިއްޔެ ހަވީރު ބޭއްވި “ނޭވާ ހޮޅިއަށް” މުޒާހަރާގެ ތެރެއިން ހައްޔަރު ކުރެވުނު ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.
އިދިކޮޅުން ހާމަކުރި ގޮތުގައި ޝަރުތުތަކާއެކު ފުލުހުން ވަނީ ޣައްސާން އާއި ސައީދު ދޫކޮށްލާފައެވެ. އެގޮތުން އެ ދެ ބޭފުޅުން މިހާރު ދިރިއުޅުއްވާ އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް އަދި ފޯން ނަންބަރު ބަދަލުކޮށްފި ނަމަ އެކަން އެންގުމަށް ވަނީ ޝަރުތުކޮށްފައެވެ.
އިއްޔެގެ މުޒާހަރާގެ ތެރެއިން 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ރައްޔިތުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެއެވެ.

