މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޕީއެންސީ ކައުންސިލް މެމްބަރ އަހްމަދު ހަސަންގެ ބަންދަން ދިހަ ދުވަސް ޖަހައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކުޑަކުދިންގެ މައްސަލަތައް ބަލާ ފުލުހުންގެ ޑިޕާޓްމަންޓް ކަމަށްވާ އެފްސީޕީޑީ ކައިރީ ކަނބާ އައިސާރަނި ހިނގުމުގައި ދެ ބުރިއަށް ހަދާފައި ފަޅަށް ހުރި ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުރި 42 ކިލޯގެ މަސްތުވާ ތަކެތި ފުލުހުންވަނީ ހޯދާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތި ރައްކާ ކޮށްފައި ހުރީ ތަޅުމެއްގެ ގޮތައް ދައްކަން ތަޅުން އަޅާފައި ހުރިތަނެއްގައި ކަމަށެވެ. ފޮޓޯ އިން ފެންނަ ގޮތުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރީ ވަޅުގަނޑެއްގެ ތެރޭގައެވެ. އެވަޅުގަނޑަށް މަސްތުވާތަކެތި އެޅުމަށްފަހު ވަނީ ތަޅުން އަޅާފައެވެ.
މިމައްސަލައިގައި ޕީއެންސީ ކައުންސިލް މެމްބަރ އަހުމަދު ހަސަން ހައްޔަރުކުރުމާއި ގުޅިގެން އޭނާ ވަނީ ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ސަސްޕެންޑްކޮށްފައެވެ.
އަހްމަދު ހަސަންގެ އިތުރުން އެމައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ދެވަނަ މީހާގެ ބަންދާއިމެދު ނިންމި ގޮތެއް އަދި ސާފެއް ނުވެއެވެ.
ފަހަކަށްއައިސް ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އަދި ފުލުހުންނާއި ކަސްޓަމްސްއިން އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދުވެސް މިވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ހިތާމަޔަކީ މިފަދަ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ސިޔާސީ ނުފޫޒުންނާއި ޝަރީއަތުގެ އެކި އެކި މަރުހަލާތަކުގައި މިނިވަންކޮށް ދޫކޮށްލާ ކަމެވެ.

