ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުން ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ވަނީ އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިމަގަށް ރޭވިފައިވާ މުހިންމު ކަންކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ވަނީ މަޢޫލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވިކަންތައްތަކުގެ ތެރޭގައި ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި މެޑިކަލް ކޮންޒިއުމަބްސް އަދި އިކުއިޕްމަންޓްގެ ދަތިތަކާ އަދި އެނޫންވެސް ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ އެންމެ ދަތި މައްސަލަތައް ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ވަނީ ހޮސްޕިތަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ޙައްލުކުރެވެން ހުރި ކަންތައްތައް ހައްލުކޮށްދެއްވުމަށް ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ބައްލަވާލައްވާފައެވެ.

