އަހަރުތައް ފާއިތުވެގެން ދަނީއެވެ. ދުވަސްތައް މާޒީވެ ދަނީއެވެ. މީސްތަކުން ވަނީ ކުޅިވަރާ މަޖަލުގެ ތެރެއަށް ގެނބިފައެވެ. މީސްތަކުން ވަނީ ފުން ނިންޖެއްގެ ތެރެއަށް ގެނބިފައެވެ. މީސްތަކުން އެމީހުންގެ ޙަޔާތުގެ ކަންތައްތަކާ ހެދި އުޅެނީ ޣަފުލަތްތެރިކަމެއްގެ ތެރޭގައި ވާ ޙާލުގައެވެ. ކީރިތި ޤުރުއާން މަތިން ހަނދާނެއް ނެތެވެ. އިސްލާމްދީން މަތިން ހަނދާނެއް ނެތެވެ.
ފައިސާ އެއްކުރުމަކީ އެންމެ މުހިއްމު ކަންތައް ކަމުގައި ވެއްޖެއެވެ. ޝަހުވާނީ އެދުންތަކުން އުފާ ޙާޞިލްކުރުމަކީ މީސްތަކުންގެ ދިރިއުޅުން އެކަންކަމުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަމުގައި ވެއްޖެއެވެ. ހުރިހާ ހަޑިމުޑުދާރު ކަންކަން ޝައިޠާނާ ޒީނަތްތެރިކޮށްދީފިއެވެ. މީސްތަކުން އެބައިމީހުން ބޭނުންވާހާ ކަމެއް ކުރަމުން ގެންދަނީއެވެ. ޙަރާމްކަމެއް ތޯ ބެލުމެއް ނެތިއެވެ.
އޭ ނަފްސާއެވެ! މިހާރު ފުދޭވަރު ވެއްޖެއެވެ. ފާފަތައް ގިނަވެއްޖެއެވެ. ފާފަކޮށްކޮށް އެކަމުގެ ބޮޑުކަން ކެނޑި ކުޑަކުޑަ ކަމެއްކަމުގައި ފާފަކުރުމަކީ ކުޑަކުޑަކަމެއް ކަމުގައި ވެއްޖެއެވެ. ތިބާގެ ދުނިޔޭގެ ޙަޔާތަކީ ވަޤުތު ކަނޑައެޅިފައިވާ ޙަޔާތެއްކަން ތިބާއަށް އެނގޭ ހެއްޔެވެ؟ ހަމަކަށަވަރުންވެސް ތިބާ ތިޔަ ކުރާ ހުރިހާ ކަންތައްތައް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
މިއަދުވެސް ތިބާގެ ފުރާނަ ތިބާގެ ހަށިގަނޑާ ވަކިވެއްޖެ ނަމަ ތިބާގެ ޙާލާމެދު ތިބާ ބުނާނީ ކީކޭހެއްޔެވެ؟ ކަށްވަޅުގެ ފިތުނައާ ކުރިމަތި ލާންޖެހޭ ހިނދު ކަންތައް ވެގެންދާނެ ގޮތާމެދު ވިސްނޭ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ހުރީ ތައްޔާރަށް ހެއްޔެވެ؟
މިއަދު ތިބާ ބޭނުންހައި ގޮތަކަށް އުޅެ ބޭނުން ކަމެއް ކުރިކަމުގައި ވިޔަސް މާދަމާ ތިބާ މަރުވާނެއެވެ. އަދި ތިބާގެ ޢަމަލުތަކުގެ ޙިސާބު ކުރެވި، ޖަޒާ ދެއްވޭނެއެވެ.
ނޯޓް : އައްޝައިޚް ޚާލިދު އައްރާޝިދު فك الله أسره ދެއްވާފައިވާ (އޯޑިޔޯ) ދަރުސްއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެއް.
މަސްދަރު : ޝާފިޢު.އެމްވީ

