ރާއްޖެ ތަރައްޤީވުމުގައި އައްޑޫ ސިޓީ ތަރައްޤީވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައީސްގެ ދެ ކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި ކެންޕޭންގެ އެންމެ ފަހު ޖަލްސާގައި ކައުންސިލުން އެމަނިކުފާނަށް އެރުވި އައްޑޫ ސިޓީ ތަރައްޤީކުރާނެ ގޮތުގެ ވައުދު ނާމާއާ އެއްގޮތަށް މިހާރު ސަރުކާރުން އެކަންކަން ފުރިހަމަކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ ބައެއް މަސައްކަތްތައް މިހާޜު ފަށާފައިވާ ކަމަށެވެ. އެގޮތުން ވަރަށް ގިން ރަށްރަށަށް ނުލިބި ހުރި އަސާސީ ޚިދުމަތްތައް މިހާރު އިސްކަންދެމުންދާ ކަމަށްވެސް އެކަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އައްޑޫ ސިޓީގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނައްތަވައިނުލައްވާކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގައި ފެށިފައިވާ އަދި ފެށުމަށް ތައްޔާރުވެފައިވާ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމާޢި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީފާގެ ދަތިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ހެރެތެރެ ރިޒޯޓްގެ އެއްބައި މިހާރު ހުޅުވައި ޚިދުމަތްދެމުން އަންނަކަމަށާއި ލަސްތަކެއް ނުވެ ޝަންގްރިއްލާ ވެސް އޮޕްރޭޝަނަށް ގެނެވޭނެކަމަށާއި އަދި ދޫގަސް ހުރި އިމާރާތުގައި 120 އެނދުގެ ހޮޓަލެއް ތަރައްޤީކުރުމަށް ގަން އިންޓަރނޭޝަން އެއަރޕޯޓަށް ދިނުމަށް މިއަދު ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެ އިތުރުން ކަރަންޓުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ މަސައްކަތް ފެނަކައިން ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް 7 މަހެއްހާ ދުވަހުގެ ތެރޭގައި 41 މެގަވޮޓްގެ ކެޕޭސިޓީއާޢެކު އައު އިންޖީނުގެއެއްގެ އައްޑޫ ސިޓީގައި އައްޑޫ ސިޓީގެ ނެޓްވޯކް ބަދަލުކުރެވޭނެ ކަމަށްވެސް އެނަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އައްޑޫ ސިޓީގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ ތަފްޞީލުތައް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފެނަކަ އިމާރާތާއި އައްޑޫ ނޭޗަރ ޕާކަށް ޒިޔާރަތްކުރައްވާފައެވެ. އަދި މިރޭ އެމަނިކުފާނު ވަނީ އައްޑޫގައި އިމާރާތްކޮށްފައިވާ މަސްޖިދު އިބްރާހީމް ހުޅުވައިދެއްވާފައެވެ.

