ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވާ 100 ގޭގެ ތެރެއިން ކޮންމެ ގެއެއްގައި އެއްކޮޓަރި ހޯމް ސްޓޭއަށް ހާއްސަކޮށްފައި ހުންނާނެ ކަމަށް ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވެއްޖެއެވެ.
މީޑީޔާއަށް މައުލޫމާތު ދެއްވަމުން ވިޝާލް ވިދާޅުވީ އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ގއ.ވިލިނގިލީގައި 100 ގެ އިމާރާތްކުރަން ހަމަޖެހިފައިވާ ކަމަށާއި ކޮންމެ ގެއެއްގައި ހޯމް ސްޓޭއަށް ކޮޓަރިއެއް ހުންނާނެ ކަމަށެވެ.
ވިޝާލް ވިދާޅުވި ގޮތުގައި އެގެތައް އިމާރާތް ކުރުމަށް އަމިއްލަ ފަރާތަކާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ތައްޔާރީތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެގެތަށް ނިމޭއިރު ހޯމް ސްޓޭ އުސޫލުން ކުއްޔަށް ދޫކުރަން އެއްކޮޓަރި ހާއްސަކުރެވިފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިޕްރޮޖެކްޓަކީ ރައްޔިތުންނަށް ވަރަށް ފައިދާކުރުވަނިވި ޕްރޮޖެކްޓަކަށް ވާނެ ކަމަށް ވިދާޅުވަމުން ވިޝާލް ވިދާޅުވީ އިމާރާތްތަކުގެ ޑިޒައިނިންގ މަރުހަލާ ފެށިގެން މިހާރު ކުރިޔަށް ގެންދާ ކަމަށެވެ.
މިގެތައް އިމާރާތްކުރާ ކުންފުނިން ހަރަދުކުރާ ފައިސާގެ 20 ޕަސެންޓް ހަމަޖައްސައިދޭނީ ވިލިނގިލި ކައުންސިލުންނެވެ. އަދި ބާކީ ފައިސާ ދައްކަން ޖެހޭނީ ގޭގެ ވެރިފަރާތުންނެވެ. އިމާރާތުގެ އަގަށް ވާ އަގު ހަމަވަންދެން ބާކީ ފައިސާ ދައްކާނީ ގޭގެ ވެރިފަރާތުންނެވެ.
ގއ.އަތޮޅުގައި ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް އެރަށު ކައުންސިލްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ހާއްސަ ދެ ސަރަހައްދެއް ކަނޑައަޅައި، އެދެރަށުގެ ލޭންޑް ޔޫޒް ޕްލޭން ނިމުނުހާ އަވަހަކަށް އެ ބިންތައް ދޫކުރަން ފަށާނެ ކަމަށް ވިޝާލް ވަނީ މައުލޫމާތު ދީފައެވެ.

