އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރަނީ އެމްޑީޕީއަކީ އަމިއްލަ މުދާގަނޑަކަށް ހަދަން ކަމަށާއި ނަޝީދު ޕާޓީން ބޭރުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީން ނަޝީދު ބޭރުކުރަން ޖެހެނީ އެޕާޓީއަކީ ނަޝީދުގެ އަމިއްލަ މުދާގަނޑަކަށް ހެދުމަށް މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.
މޫސަ ވިދާޅުވި ގޮތުގައި ގޯގޯ ލަތީފާއި، މުނައްވަރާއި، އިބްރާހިމް އިސްމާއިލްއާއި، ޑރ.ޑީޑީ އާއި އަލްހާން ފަހުމީފަދަ ބޭފުޅުންނަކީވެސް ސީދާ ނަޝީދުގެ ނުފޫޒުން އެމްޑީޕީން ބޭރުކޮށްލި އެމްޑީޕީ މިހިސާބަށް ގެނައުމުގެ މުހިންމު ދައުރެއް އަދާކުރި މީހުންނެވެ.
އެމްޑީޕީ އުފައްދައި އެމްޑީޕީއަށް އެންމެ ބޮޑެތި ގުރުބާނީވެފައިވާ އެތައް ބޭފުޅަކު އެމްޑީޕީން ބޭރުކޮށް އަމިއްލަ ބާރުވެރިކަން ހޯދުމަށް ނަޝީދު ކުރި މަސައްކަތަކީ މިއަދުވެސް އެމްޑީޕީއަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް މޫސަ ވިދާޅުވިއެވެ.
ނަޝީދުގެ ސަބަބުން ޕާޓީން ބޭރުކޮށްލި އެތައް ބަޔެއްގެ އިހުސާސްތައް ނަޝީދުއަށް ކުރުމަށްޓަކައިވެސް ނަޝީދު ޕާޓީން ބޭރުކުރަން ޖެހޭ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ އުފެއްދުމުގައި ނަޝީދުގެ ބައިވެރިވުން އޮތްކަމަށްބުނެ ދެކެވޭ ވާހަތަކަށް ރައްދު ދެމުން މޫސަ ވިދާޅުވީ ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އެއްވެސް ހިއްސާއެއް އޮތް މީހެއް ނޫންކަމަށެވެ. ނަޝީދަށް އެމްޑީޕީ ފެނުނީ އެމްޑީޕީ އުފައްދައި، އެތައް މަސައްކަތެއް ކުރި ފަހުންކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަކީ ސީދާ ރައީސް ސޯލިހާއި ރައީސް ނަޝިދުގެ ދެމެދުގައި އޮތް ވާދަވެރިކަމެއް ކަމަށެވެ. ރައީސް ޞާލިހުގެ ތާއީދު ބޮޑުކޮށް އޮންނަނީ ފައްޔާޟަށް ކަމަށާއި، މިއިންތިޚާބު ފައްޔާޟު ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީން ނަޝީދު ބޭރުކުރަން އުޅޭ ކަމުގެ ވާހަކަތަކަކީ އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ދައްކަމުން އަންނަ ވާހަކައެކެވެ. އެމްޑީޕީގެ އެންމެ ފަހުގެ ޗެއާޕާސަން ހަސަން ލަތީފުވެސް ވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރު ކުރަން އުޅޭކަމަށް ތަކުރާރުކޮށް މިކެމްޕެއިންގެ އެކި ފޯރަމް ތަކުގައި ވިދާޅުވެފައެވެ.

