2020 ވަނަ އަހަރު އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މާލޭގެ ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެއްޖެއެވެ.
އެގޮތުން 2020 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖޫންމަހުގެ 12 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. އެމައްސަލައާއި ގުޅިގެން އެނާގެ މައްޗަށް ވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
އެދައުވާތަކުގެ ތެރެއިން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލައިގައެވެ. އެމައްސަލައިގައި އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައިވަނީ ތަހުގީގުގައި އޭނާގެ ފޯނު ބެލިއިރު އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯތަކެއް އޭނާގެ ފޯނުން ފެނިފައިވާތީއެވެ.
އޭނާ ވަނީ އެދައުވާއަށް އިންކާރުކޮށްފައެވެ. އެހެން ނަމަވެސް މިއަދު ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ދައުލަތުން ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހަޅާފައިވާތީ، އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުނުކަން ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަދުވަހަށް އޭނާ ޖަލަށް ލާން ހުކުމް ކޮށްފައިވާ ކަމަށެވެ.

