އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕޭން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ކެންޕޭން ބައްދަލުވުމެއް ބޭއްވި މައްސަލަ ބަލާ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފައްޔާޒް އާއި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެންޕެއިން ޓީމުން އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީއަށް މައްސަލަ ހުށައަޅައިފި އެވެ.
އިންތިގެ ކެމްޕޭން ޓީމުން މިއަދު ނެރުނު ބަޔާނެެއްގައި ބުނީ، މިމަހުގެ ފަސްވަނަ ދުވަހު ފައްޔާޒުގެ ކެމްޕެއިން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ކެމްޕޭން ބައްދަލުވުމެއް ބާއްވާފައިވާ ފޮޓޯތައް އެ ކެމްޕޭނުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި އެއީ ދައުލަތުގެ މުދަލާއި ވަސީލަތާއި މުވައްޒަފުން ކެމްޕެއިނަށް ބޭނުންކުރުން ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލައި، ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުންނާއި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ގޮވާލާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިންތިއަށް ތާއީދުކުރާ ފަރާތްތަކަށް ވަޒީފާގެ ބިރު ދެއްކުމާއި ވާދަވެރި ކެންޑިޑޭޓުގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތާއި މުދަލާއި މުވައްޒަފުން ބޭނުންކުރާކަމުގެ މައުލޫމާތު ކެނޑިނޭޅި ލިބެމުންދާއިރުވެސް އެއިން އެއްވެސް ކަމަކަށް އެކަށީގެންވާ ތަސައްލީއެއް ލިބިދެވިފައި ނެތުމަކީ ހިތާމަ ހުރި ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ހަމައެހެންމެ އިންތިއަށް ތާއީދުކުރާ ފަރާތްތަކަށް ވަޒީފާގެ ބިރުދެއްކުމާއި ވާދަވެރި ކެންޑިޑޭޓުގެ ކެންޕޭނަށް އަދި ހާއްސަކޮށް ފެނަކަ ފަދަ ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނޭގޮތުން ދިވެހި ދައުލަތުގެ ވަސީލަތާއި މުދަލާއި މުވައްޒަފުން ފާޅުގައި ބޭނުންކުރަމުންދާ ދިއުމަކީ ކުޑަކޮށްވެސް ބަލައިގަނެވެން ނެތް، ޑިމޮކްރެޓިކް މުޖުތަމައެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭ ބާވަތުގެ ކަންކަން ނޫންކަމަށްވެސް ބުނެފައިވެއެވެ.
ފައްޔާޒްގެ ޓީމުން ވަޒީފާގެ ބިރު ދައްކައި، ނުފޫޒު ފޯރުވާ ކަމަށް ބުނެ، އިންތިގެ ޓީމުން ވަނީ މީގެ ކުރިން ވެސް އެފަދަ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

