ގދ.ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި ގދ.ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ގުޅިގެން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ގައްދޫގައި ފޯރަމެއް ބާއްވައިފިއެވެ.
ގައްދޫ ޕޮލިޓެކްނިކް ކެމްޕަސްގައި މިއަދު ކުރިޔަށް ގެންދެވުނު ފޯރަމުގައި ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ލިބޭ އަނިޔާތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ހާމަކޮށްދިނެވެ.
މީގެ އިތުރުން ޖެންޑަރ އިކުއަލިޓީ ޤާނޫނު ތަންފީޒު ކުރުމަށް ކުރަން ޖެހޭ ކަންތައްތަކާއި ކުރެވިދާނެ ކަންތައްތަކާމެދު އަލިއަޅުވާލެވުނެވެ. ފޯރަމުގެ ބައިވެރިންގެ މެދުގައި ގްރޫޕް މަޝްވަރާކޮށް ތަފާތު ހިޔާލުތައް ފާޅުކުރެވުނެވެ. އަދި މިނޫނަސް 2026 ވަނަ އަހަރާ ހަމަޔަށް ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ރަށު ލެވެލްގައި ކުރެވިދާނެ ކަންތައްތައް މިފޯރަމުގައި ހިއްސާ ކުރެވުނެވެ.
މިފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ސީނިޔަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ޝާމް ވިދާޅުވީ ޖެންޑަރ އިކުއަލިޓީ ޤާނޫނު ތަންފީޒު ކުރުމަށް ގދ.އަތޮޅުގައި ކުރިޔަށް ގެންދާ ފޯރަމްތައް އެހާ ފުރިހަމަކަމާއެކީ ގެންދިޔުމަށް އަތޮޅު ކައުންސިލުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި ކައުންސިލުން ދޭ އެއްބާރުލުމަކީ މިފަދަ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ލިބޭ އެންމެ ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ޖެންޑާއިން ރާވައި ހިންގާ މިފަދަ ކަންތައްތަކުގައި އަތޮޅު ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އަލީ ޝާމް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލުން ދިން އެއްބާރުލުން ފާހަނގަކުރަމުން އަލީ ޝާމް ވަނީ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲއަށް ޝުކުރު ދަންނަވާފައެވެ. އަދި މިފޯރަމް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ގައްދޫގައި ބޭއްވުނު މިފޯރަމުގައި ގައްދޫގެ މީހުންގެ އިތުރުން ގދ.ވާދޫއިންވެސް ވަނީ ގިނަ ބައިވެރިންތަކެއް ބައިވެރިވެފައެވެ. އެގޮތުން މިދެރަށުން 30 ބައިވެރިން ވަނީ މިފޯރަމުގައި ބައިވެރިވެފައެވެ.
ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ގުޅިގެން ބޭއްވުނު މިފޯރަމަކީ ވަރަށް ކާމިޔާބު ފޯރަމެކެވެ. މިފޯރަމުގައި ޖެންޑަރ އިކުއަލިޓީ ޤާނޫނު ތަންފީޒު ކުރުމާއި ގުޅޭ ގޮތުން ތިނަދޫ ޖެންޑަރ އިން ތައްޔާރުކޮށްފައިވާ ވީޑިޔޯއެއް ވަނީ ލޯންޗުކޮށްފައެވެ. މިވީޑިޔޯ ލޯންޗުކޮށްދިނީ ފޯރަމުގެ ޗީފް ގެސްޓު ގައްދޫ ސިއްޚީ މަރުކަޒުގެ ސީނިޔަރ އެގްޒެކެޓިވް އޮފިސަރ ފާތުމަތު މޫސާއެވެ.

