ހުޅުމާލޭގައި ސައިކަލަކާއި ހެވީ ލޯޑް ވެހިކަލެއް ޖެހި ހިނގާދިޔަ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެންމީހާއަށް އަނިޔާވެއްޖެއެވެ.
މިއަދު ހަވީރު ހުޅުމާލޭ ފޭސް 2 ގައި ހިނގާދިޔަ މިހާދިސާގައި އަނިޔާ ލިބުނު އަންހެންމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ވިދާޅުވީ މިއަދު ހަވީރު 4:390 އެހާކަންހާއިރު ހުޅުމާލޭ ފޭސް 2 ގެ ބްރިޖުން ދުއްވަމުންދިޔަ ހެވީ ލޯޑް ވެހިކަލަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެންމީހާއަށް އަނިޔާ ލިބުނު ކަމަށެވެ. އެހެންނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މަންޒަރުދުށް މީހަކު ބުނިގޮތުގައި ސައިކަލް އޮތީ ހެވީ ވެހިކަލުގެ ދަށުގައެވެ. އަދި އެއަންހެންމީހާއަށް ވަރަށް އަނިޔާވި ކަމަށް މަންޒަރުދުށް މީހަކު މައުލޫމާތު ދީފައިވެއެވެ.

