މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއި ޓޭޑާއި ގުޅިގެން ތިނަދޫގައި ކުރިއަށް ގެންދިޔަ ބާސްކެޓްބޯލް ރެފްރީންނާއި ކޯޗުން އަދި އޮފިޝަލުން ތަމްރީނުކުރުމުގެ ޕޮރްގްރާމް ކާމިޔާބުކަމާއެކީ ނިންމާލާފިއެވެ.
މިޕޮރްގްރާމަކީ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކްތްކުރާ ކޮމެޓީއާއި ތިނަދޫ ސްޓޭޑިއަމްގެ އެހީތެރިކަމާއެކީ ކުރިއަށްގެންދިޔަ ޓްރެއިނިންގ އެކެވެ. މިގޮތުން 26 މާރިޗު 2022 އިން ފެށިގެން 31 މާރިޗު 2022ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިޓްރެއިނިންގ ކުރިއަށްގެންދިޔައީ ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ތަޖުރިބާކާރު ކޯޗުންގެ ޓީމަކުންނެވެ.
މިޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިމެހުމާން ސްޓޭޓް މިނިސްޓަރ ފޯ ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަލްފާޞިލް ނާސިހު ރަޝީދު ކުޅުންތެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ބާސްކެޓް ކޯޓް ހުހަށް ނުބާއްވައި ކުޅެން ނުމުތުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ބާސްކެޓްއިން ޤައުމީ ފެންވަރުގައި ވާދަކުރެވޭނެ ކުޅުންތެރިން އުފެއްދުމަށް ތިނަދޫގެ ކުލަބު ޖަމްޢިއްޔާ ޖަމާއަތްތަކަށް ގޮވާލެއްވިއެވެ. މިގޮތުން ޓޭޑްގެ ފަރާތުން އިސްނަގައިގެން މިފެށި ހަރަކާތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޓޭޑްގެ ފަރާތުން މިނިސްޓްރީއާއި ގުޅިގެން ތިނަދޫގެ ޒުވާނުން ބާރުވެރިކުރުނަށް ހިންޤހަރަކާތްތައް ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި ތަމްރީން ޕޮރްގްރާމް ނިންމި ބައިވެރިންގެ މެދުގައި 3 އޮން 3 މެޗްތަކެއް ކުޅުނެވެ. މިގޮތުން ދެޖިންސް ވަކިން ސީނިއަރ އަދި ޖޫނިއަރ މެޗްތަކެއް ކުޅެފައިވެއެވެ. މި ރަސްމިއްޔާތުން އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ މި ޓްރެއިނިންގ ފުރިހަމަ ކުރި ބައިވެރިން މި މެޗްތަކުގެ ރެފްރީކަން ކުރުމާއި އޮފިޝަލްކަން ކުރުމެވެ. އަދި ހަމަ އެހެންމެ ޓްރެއިނިންގ ފުރިހަމަކުރި ދަރިވަރުންގެ ހުނަރު ދެއްކުމުގެ ހަރަކާތްތަކެއް ބޭއްވިއެވެ.
މި ތަމްރީނުތައް ފުރިހަަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ ތިނަދޫ ދެކުނު ދާއިރގެ އިއްޒަތްތެރި މެންބަރ އަލްފާޞިލް އަބްދުލާ ސަނީފްއާއި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބް ރައީސާ އަލްފާޞިލާ ޢާދިލާ މުހައްމަދާއި ޔޫތް އެގްޒެކްޓިވް އަލްފާޞިލް ހަސަން ވިފާގުގެ އިތުރުން ޓޭޑްގެ ރައީސް އަލްފާޞިލް އިނާޒު މުހައްމަދެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަވަމުން ހެޑްއޮފް ޓެކްނިކަލް ޑެވެލޮޕްމެންޓް އަލްފާޞިލް މުހައްމަދު ވަހީދުގެ ވާހަކަ ފުޅުގައި އެސޯސިއޭޝަންގެ އަމާޒަކީ އަތޮޅުތަކުގައި ބާސްކެޓްބޯޅައިގެ ފޯރި ގަދަކޮށް ކުޅުންތެރިންތަކެއް އުފެއްދުން ކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ތިނަދޫގައި މި ޓްރެއިނިންގ ކާމިޔާބުކަމާއެކު ނިންމުމަށް ޓޭޑްއިން ކުރެއްވި މަސައްކަތް ބަލައިގަނެ ޝުކުރުއަދާކޮށްފައިވެއެވެ.
ޓޭޑްގެ ސެކްރެޓަރީ އަލްފާޞިލް އަރުޝަދު މުހައްމަދުގެ ޝުކުރު ދެންނެވުމުގައި މި ތަމްރީންތަކުގައި ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްފައިވާތީވެ ތިން ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންނަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި މި ތަމްރީންތަކުގައި ހަރަކާތްތެރިވި ކޯޗުންގެ އެކޮމަޑޭޝަން ހަމަޖައްސަވައި ދެއްވި ޔޫމެޓް ސްޓޭގެ ވެރިންނަށާއި މި ޓްރެއިނިން ކުރިއަށްގެންދިއުމަށް ތިނަދޫ ސްޓޭޑިއަމްގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް އެފަރާތަށް ޝުކުރު އަދާކުރުމާއިއެކު ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މިޓްރެއިނިންގ ކުރިއަށް ގެންދިއުމަށް އެހީތެރިވެ ދެެއްވާފައިވާތީ އެފަރާތަށްވެސް ޙާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ. އަދި ހަމައެހެންމެ ބާސްކެޓްބޯލް އެސޯސިއޭޝަންގެ ފަރާތުން ވެދެއްވި އެހީތެރިކަމާއި ބެހެއްޓެވި ގާތްކަން ފާހަގަކޮށް އެފަރާތަށް ޙާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ. މިރަސްމިއްޔާތު ނިމިގެންދިޔައީ ރަސްމިއްޔާތުގެ ބައިވެރިންނަށް ބޭއްވުނު ބިލަތް މީރުކޮށްލެއްވުމަކުންނެވެ.

