ހުވަދު އަތޮޅު ދެކުނުބުރީ ވެރިކަން ކުރާ ރަށް، ގދ.ތިނަދޫ ގައި ހުންނަ ޕްރައިމަރީ ސްކޫޫލެއް ކަމަށްވާ އަބޫބަކުރު ސްކޫލުއިން މިއަހަރުގެ ދުނިޔޭގެ އޯޓިޒަމް ދުވަހާއި ދިމާކޮށް "އޯޓިޒަމް" ހުންނަ ކުދިންގެ އިހުސާސު ބުނެދޭ ލަވައެއް ނެރެފިއެވެ. އެ ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެއް ކަމުގައިވާ ޢާއިޝަތު ސާރާ ޒުހައިރު ލީޑް ރޯލުން ފެނިގެން ދާ މީ ވީޑިއޯ ލަވަޔަކީ އޯޓިޒަމް ހުންނަ ކުދިންގެ އިހުސާސް ވަރަށް ރަނގަޅަށް ބުނެލަދޭ ލަވައެކެވެ.
މި ވީޑިއޯ ލަވަ ތައްޔާރު ކުރި އަބޫބަކުރު ސްކޫލުން ބުނާގޮތުގައި މި ލަވަ ޚާއްސަކޮށްފައިވަނީ އޯޓިޒަމް ކުދިންގެ ޢިޙްސާސްތައް މުޖުތަމަޢަށް ފޯރުކޮށްދިނުމަށެވެ.
އެގޮތުން އެ ލަވައިން ދައްކުވައިދެނީ އޯޓިޒަމް ހުންނަ ކުއްޖަކަށް ގޭތެރެއިންނާއި ސްކޫލްގެ މާހައުލުން ދިމާވާ އެކިއެކި ކަންތައްތަކެވެ. އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ލޯބި އެންމެ އެކަށޭނެ ވަރަށް ނުދެވޭތީ އެކަމުގެ ސަބަބުން އެކުދިންނަށް ކުރާ އަސަރުވެސް މި ލަވައިން ވަރަށް ރަނގަޅަށް ކިޔާލަދެއެވެ.
https://www.facebook.com/AboobakuruSchool/videos/5047157648698962
އަބޫބަކުރު ސްކޫލުގެ ޕްރިންސްޕަލް، މުހައްމަދު އަޖީބު ހައްދަވާފައިވާ މި ޅެމަށް ލަވަ ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލް ފުރަތަމަ ސީޒަން އިން އާންމުންގެ މަޤުބޫލުކަން ހޯދާފައިވާ އަދި މިހާރު ތިނަދޫ ކައުންސިލްގެ މެމްބަރ މުހައްމަދު ޒަލީފް އަބްދުﷲ އެވެ. މީގެ އިތުރުން މި ލަވައިގެ ވީޑިއޯ އިން ސާރާގެ ދިރިއުޅުން ދައްކުވައިދިނުމަށް އެންމެ ބުރަ މަސައްކަތް ކޮށްފައިވަނީ ހާޒިފް މުހައްމަދު އަދި މުހައްމަދު މާޖިދު (ޗައްޕަލަ ސްޓޫޑިއޯ) އެވެ. އެގޮތުން މާޖިދު އާއި ހާޒިފް ވަނީ "އޯޓިޒަމް" ހުންނަ ކުއްޖެއްގެ އިހުސާސް އެންމެ ރަނގަޅަށް ބުނެދިނުމަށް ލަވައިގެ ވާހަކަ އާއި ސްކްރީން ޕްލޭ ތައްޔާރު ކޮށްދީފައެވެ. އަދި މި ލަވައިގެ އޯޑިއޯ އެންމެ ފުރިހަމަ ގޮތުގައި އާންމުންނާއި ހަމަޔަށް ގެނެސްދިނުމަށް ބުންނަރު ސްޓޫޑިއޯގެ މަސައްތްވެސް ފާހަގަ ކޮށްލެވެއެވެ.

"އިހުސާސް" ގެ ނަމުގައި އަބޫބަކުރު ސްކޫލުއިން ނެރުނު ވީޑިއޯ ލަވައިގެ މަންޒަރެއް
"އިހުސާސް" ގެ ނަމުގައި އަބޫބަކުރު ސްކޫލުން ނެރެދީފައިވާ މި ލަވައިން ވަނީ މައިންބަފައިންނަށް ކުއްޖާގެ ކިބައިން އޯޓިޒަމްގެ އަލާމާތްތަށް ފެނުނު ކަމުގައިވިޔަސް އެއީ އޯޓިޒަމްގެ އަލާމާތުގެ ތެރޭގައި ހިމެނޭ ކަމެއްކަން ނޭނގުމުގެ ސަބަބުން އެކަމަށް އަޅާނުލުމާއި، ކުއްޖާއަށް ދޭން ޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެ ކުއްޖާއަށް ކުރާތަން ދައްކުވައިދީފައެވެ.
އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިއީ ސިކުނޑި ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމެކެވެ. އޯޓިޒަމް އަކަށް މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އާންމު ގޮތެއްގައި އޯޓިސްޓިކް ކުދިންގެ ކިބައިން އޯޓިޒަމް އާއި ގުޅިގެން ކުރިމަތިވާ ކަންތައްތައް އެކުއްޖާގެ އުމުރުން 3 އަހަރު ތާގައި ފެންނަށް ފަށާނެ ކަމަށް ސިއްޙީ މާހިރުން ބުނެއެވެ.
އެގޮތުން އޯޓިޒަމް ހުންނަ ކުދިންނަށް ސިކުނޑި ތަރައްގީވެ ހެދި ބޮޑުވުމުގެ މައްސަލަތައް ދިމާވެއެވެ. އޭގެ ސަބަބުން ވާހަކަ ދައްކައި މުވާޞަލާތު ކުރުމާއި، އިޖުތިމާޢީ ގުޅުންތައް އުފެއްދުމުގެ ހުނަރުތައް ކުއްޖާގެ ކިބައިގައި ނުހުރެއެވެ. މިއީ ރާއްޖޭގެ ނިސްބަތުން މަދުނޫން އަދަދަކަށް ދިމާވާ ހާލަތެކެވެ.

