ދާދި ފަހުން ގދ ގައްދޫ އަށް އަހަރެން ކުރި ދަތުރެއްގައި ރާއްޖޭގެ އެންމެ އުތުރަށް އުފަން މީހަކާ ދިމާވިއެވެ. ހއ ތުރާކުނު މުހައްމަދު އަޝްރަފް އާއި ބައްދަލުވީ ރަޙުމަތްތެރިން ތަކަކާއެކު ކޮފީއެއް ބޯން ތިއްބައެވެ. އެ ވަގުތު އަހަރެން ބުނަމުން ދިޔައީ، މި ދަތުރުގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ ވަރަށް ތަފާތު މޮޅު ހުނަރުވެރިއަކާ ދިމާވެ ސަޅި ރިޕޯޓެއް ހެދުމުން ކަމަށެވެ. ތަޤްދީރު މެދުވެރި ކުރެއްވި ރަނގަޅުކަން ދެކިބަލާށެވެ. އަހަރެން ކައިރީގައި އައިސް އެއިށީނީ އެފަދަ ހުނަރުވެރި މީހެކެވެ.
ޅިޔަނާ! އެތަނުން އެކަކު ގޮވާލިއެވެ. "ހުވަދޫގެ ނޫސްވެރިޔާ ޅިޔަނު ހޯދަން އުޅެނިކޮށް ތިޔައީ. ތިޔަ ދިމާވީ، އަވަހަށް ކުރިޔަށް ގެންދޭ" ގައްދޫ އެންމެންވެސް އަޝްރަފް އަށް ކިޔާ ނަމުން ވަރަށް ގާތް ގޮތަކަށް ގޮވާލުމަށް ފަހު ބުންޏެވެ.
ޔޯކް ރެސްޓޯރެންޓުން ނުކުމެ ޅިޔަނާއެކު ޅިޔަނުގެ ހުނަރުވެރިކަން ބަލާލަން ދިޔުމުން އަހަރެން ވަރަށް ޢަޖާއިބުވިއެވެ. ޅިޔަނުގެ ކަވި މަސައްކަތް ހަމަ ލޮލުން ފެނުމުން އޭނާގެ އިންޓަވިއު ނަގަން އަވަސް ވެގަތީމެވެ.

ގޭތެރެ ޒީނަތްތެރި ކުރުމަށް ނުވަތަ ސިޓިންގް ރޫމް ރީތި ކޮށްލުމަށް ބަހައްޓާ ކުދިކުދި އެއްޗެހި އޮރިމަސް ވަކަރުން ހެދުމުގެ ޝައުގުވެރިކަން ޅިޔަނު ފެއްޓީ އުމުރުން އެންމެ 15 އަހަރުގައި ކުރަން ފެށި ކަމަކުންނެވެ.

އަސްލު މިކަން ފެށުމަށް ދިމާވި ކަމަކީ އިހުގައި އަހަރެމެން ހަދާނަން ވާރޭ ފެންގަނޑުގައި ދުއްވާ ކުޅޭކުޅޭ އޮޑިތައް. ކޭފަތުން ނޫނީ ކާށި ބޮނބިފަޅިން. އަހަރެން ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރި ކަމެއް އެއީ. – ވަރަށް ހަނގު އުމުރުގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ޓުވަރިޒަމް ދާއިރާއަށް ނުކުތް ޅިޔަނު ބުންޏެވެ.
ކޭފަތު އޮޑިއާއި ކާށި ބޮނބިފަޅިން އޮޑި ހަދަމުން ދިޔައީ މަޖަލަށް ކަމަށް ވިޔަސް އެފަދަ އެހެނިހެން އެއްޗެހި ހެދުމަށް އޭނާގެ ޝައުޤުވެރިކަން އިތުރުވެގެން ދިޔައީ ތަފާތު ސަމާލުކަމަކާ އެކީގައެވެ.

ބާރަ ފަނަރައަށް އެރިއިރު ވަރަށް ބޮޑަށް އިތުރު ޝައުގުވެރިކަންވެ ތަފާތު އެއްޗެހި ހަދަން ފެށުނު ކުދިކުދި ގެއާ، ވަކަރުން ކުދިކުދި ބޯޓް ފަދަ އެއްޗެހި. އަނެއްކާ މަށަށް އިނދެވިދާނެ ކިތަންމެ އިރެއް ވަންދެންވެސް އެ ކޮށާލަކޮށާލާ. ނިންމާފަ ތެދުވަނީ. – ކުޑައިރުއްސުރެ ލިބޭ ހުރިހާ ހުސް ވަގުތުގައި ކޮންމެވެސް އެއްޗެއް ހެދުމުގައި އިންނަ ޅިޔަން ބުންޏެވެ.
ޅިޔަނަކީ ސްވެނިއަރ ޒާތު އެއްޗެހި ލަކުޑިން ހެދުމުގައި 25 އަހަރު ހޭދަ ކޮއްފައިވާ މީހަކަށް ވިޔަސް ނުވަތަ މިހާތަނަށް 300 އާއި ގާތްކުރާ އަދަދަކަށް ތަފާތު އެއްޗެހި ހެދި މީހަކަށް ވިޔަސް އޭނާގެ ފިހާރައެއް ނޫނީ ވަޑާންގެއެއް ނެތެވެ. ރަސްމީ ވިޔަފާރިއެއްގެ ގޮތުގައި ހިންގަން އެއްވެސް ކަމެއް ކޮއްފައި ނުވެއެވެ. އަމިއްލަ ގޭގައި ރީއްޗަކަށް ބަހައްޓާފައި ހުރި މަދު އެއްޗެއް ފިޔަވާ ދެން ހެދި 90 އިންސައްތަ އެއްޗެހި ވަނީ ގާތް މީހުންނާއި ރައްޓެހިންނަށް ހިލޭ ހަދިޔާ ކޮއްފައެވެ.

4 ވަރަކަށް ރިޔާނެގި ދޯނި މިތާ ކައިރި ރިސޯޓަކަށް ގެން ދިޔައިން. ޝޮޕަށް ވެއްދީ 100 ޑޮލަރަށް އެއްޗެއް ވިކި ހުސްވެއްޖެ. އެނޫން ހުރިހާ އެއްޗެއް ހަމަ ފްރީކޮށް ދެނީ. – ދިރިއުޅުން ގައްދޫ އަށް ބަދަލުކޮށް މިހާރު އެ ރަށުގައި ދިރިއުޅޭ އުމުރުން 40 އަހަރުގެ ޅިޔަނު ބުންޏެވެ.
ޅިޔަނު ބުނީ އޮރިމަސް ވަކަރާއި އިލޮށި ފަދަ މަދު ބާވަތެއް ބޭނުން ކޮށްގެން އެއްޗެހި ހަދާއިރު އޭނާ ބޭނުންކުރާ ހަމައެކަނި އާލާތަކީ ކަޓަރަކާއި ކުޑަ ވަޅިޢަކާއި ހިލަ ކަރުދާހާއި ތެރެހެވެ. ކުލަ ތަފާތު ކުރުމަށް އެއްވެސް ދަވާދެއް ސްޕްރޭއެއްހާ މިންވަރުވެސް އޭނާ ބޭނުން ނުކުރެއެވެ. އެއްވެސްކަމެއްގައި މީހެއްގެ އެހީއެއް މެޝިނެއް ދުވަހަކުވެސް ބޭނުން ނުކުރެއެވެ. މި ބުނި އާލާތް ކޮޅާއި އެވަގުތަކަށް ބޭނުންވާ ލަކުޑި ކޮޅުތައް ގިނަ ފަހަރަށް ހުންނާނީ ސައިކަލުގެ މަޑި ދަށުގައެވެ.

މި މަސައްކަތް އަހަރެން ކުރަނީ ހޮބީއަކަށް. ލިބޭ ކޮންމެ ހުސް ވަގުތަކީ އެކަމުގެ ވަގުތެއް. މިހާރުގެ ކުދިން ފޯނާ ކުޅޭހެން އަހަރެން ނަގަނީ ވަޅި އާއި ވަކަރުކޮޅު. – ގައްދޫ ފެނަކަ ބްރާންޗް ގައި އިލެކްޓުރީޝަނެއްގެ ވަޒީފާގައި މިހާރު މަސައްކަތް ކުރަމުންދާ އަޝްރަފް ( ޅިޔަނު) ބުންޏެވެ.
ޅިޔަނު މިހާތަނަށް ހަދާފައިވާ ތަކެތީގެ ތެރޭގައި އެންމެ ގިނައީ ގެއާއި އޮޑިދޯނި އަދި ކައިވެނީގެ ރަން ޕެކާއި ފަރުނީޗަރެވެ. ނަމަވެސް ފްލައިޓާއި އެއްގަމު އުޅަނދު ގެ އިތުރުން ތަފާތު އެތައް އެއްޗެއް އޭނާ ވަނީ ހަދާފައެވެ.

ޅިޔަނު ހަދާ ފައި ހުންނަ ކޮންމެ އެއްޗެއްގައި ވެސް ފާހަގަކޮށްލެވޭ ކަމެއް ވެއެވެ. އާންމުކޮށް މި ފެންނަ އެފަދަ ތަކެއްޗާއި ޚިލާފަށް ޚިޔާލުގެ ހަދާ އެއްޗެއްގެ ވިއްޔާ އޭގެ އެތެރެއިން ފެންނަ ހުރިހާ އެއްޗެއް ވެސް ވަރަށް ފުރިހަމައަށް ފެންނަހެން ތަފްސީލު ކޮށް ހަދައެވެ. ގެއެއް ވިއްޔާ ގޮނޑި އާއި އެނދާއި އަލަމާރި އާއި ދޮރާ ދޮރުގެ ތަޅަށް ދާންދެން ހަދައެވެ. އެގޮތަށް ޅިޔަނު އެންމެ ތަފްސީލުކޮށް ހެދި ބައެއް ތަކެތީގެ ތެރޭގައި މަސް ބާނާ ދޯންޏަކާއި ގައްދޫ ފަޅުގައި އަޅާފައި އޮތް ފިޝްމަން ނަމަކަށް ކިޔާ ދޯންޏެއްގެ ނަކަލުކަން ފާހަގަ ކޮށްލެވެއެވެ.

25 އަހަރު ވަންދެން ޅިޔަނު ހުސް ވަގުތު ދުއްވާލަން ކުރި މަސައްކަތް ކުރިޔަށް އޮތް ތާނގައި އެގޮތަށް ކުރުމުގެ ވިސްނުން މިހާރު އޭނާ ނުގެންގުޅެއެވެ. މަސައްކަތަކީ ކަވި އެހާމެ ބުރަ ކަމެއް ކަމުން އޭނާ އަށް ހެޔޮއެދޭ އެންމެންވެސް ބޭނުންވަނީ ކޮންމެވެސް އަގެއް ނަގައިގެން ކުރުމަށެވެ.
އަމިއްލަ ވަންތަ ސީދާ އަހަރެންގެ އަމިއްލަ އުފެއްދުން ވިއްކާ ތަނެއް ހެދި ނަމަވެސް ފިހާރައެއް ފުރޭ ވަރަށް އެއްޗެހި ހެދިއްޖެ. މިހާރު ވިސްނުން މިހިރީ ފިހާރައެއް ނޫނީ ވޯކް ސޮޕެއް ނެހެދިޔަސް އަގެއް ނަގައިގެން އެއްޗެހި ހަދަން. މިހާރު ވަރަށް ގިނަ މީހުން ގުޅަން ވެސް ގުޅާ އަގެއް ނަގައިގެން ހަދަން. – މިހާތަނަށް އެއްވެސް މައުރަޒެއްގައި އަދި މުބާރާތެއްގައިވެސް ބައިވެރި ވެފައި ނުވާ ޅިޔަނު ބުންޏެވެ.
އަޝްރަފްގެ ވާހަކަތައް އަޑު އަހާލާފައި އަހަރެން ހަމަ އަންތަރީސްވިއެވެ. މުޅި ފުރާވަރާ ޒުވާން ކަމުގެ އުމުރު އޭނާ ހޭދަކުރީ ކޮންފަދަ މޮޅު ހުނަރުވެރިކަމެއްގައި ހެއްޔެވެ. ކެތްތެރި ކަވި މަސައްކަތެއްގައި ހެއްޔެވެ. އޭނާގެ ހަދިޔާތަކުން އެތައް ގެއެއްގެ ފަޅު ފިލައިފައިވާއިރު އެ މަސައްކަތުގެ އަގު ވަޒަން ކުރީ ކިތައް މީހުން ހެއްޔެވެ. މަސައްކަތްތެރި ޒުވާނެއްގެ ގޮތުން ލިބުނީ ކޮން އިނާމެއް ހެއްޔެވެ.

އެވާހަކަ ތައް ދެން ބާވާށެވެ. މިހާރު ވެސް ޅިޔަނު ހުރީ އެމަސައްކަތް ހުއްޓާލާކަށް ނޫނެވެ. 4 ފޫޓް 8 ފޫޓު ގެ ތެރޭގައި ކޮންމެ އެއްޗެއްގެ މޮޑެލެއް ބެހެއްޓުމަށް މަސައްކަތް ލިބުނަސް 100 އިންސައްތަ އޮރިމަސް ލަކުޑި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރަން އޭނާ ހުރީ ތައްޔާރަށެވެ. އަދި ދާދި އަވަހަށް ރާއްޖޭގެ ލޭންޑް މަރކްތައް ރަމްޒުވާ މޮޑެލްތައް ހަދަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.
މުހައްމަދު އަޝަރަފް ދިން އިންޓަވިއު ނިމުމުން އަހަރެން ބުނީމެވެ.
"ޅިޔަނާ ! ފުރުން 15އާއެކު މިހާތަނަށް ތިޔަކުރި ހުނަރުވެރި ،ބުރަ މަސައްކަތާމެދު ،އަހަރެން އަޖައިބު ވެއްޖެ" އެވެ.

