އަވަށްޓެރި ސްރީލަންކާގެ ސަރުކާރާއި ދެކޮޅަށް މިހާރު އެގައުމުގެ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތެރެއިން އިބްރަތްތެރި މެސެޖެއް މީހަކު ދީފިއެވެ.
މީސްމީޑިއާގައި މިހާރު ވައިރަލްވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިޔަކު މެސެޖެއް ލިޔެފައިވާ ބޯޑެއް ހިފައިގެން ހުންނަ މަންޒަރު ފެނެއެވެ. އެބޯޑުގައި ލިޔެފައިވަނީ، "އެންމެ ފުރަތަމަ އެމީހުން އައީ ތަމަޅައިންނާއި ދިމާލަށް، އޭރު އަހަރެން އެއްޗެއް ނުބުނަން، އެއީ އަހަންނަކީ ތަމަޅައިންގެ މީހަކަށް ނުވުމުން" އޭގެ ފަހުގައި ދެން ލިޔެފައިވަނީ، "ދެން އެމީހުން އައީ މުސްލިމުންނާ ދިމާލަށް، އޭރުވެސް އަހަރެން އެއްޗެއް ނުބުނަން، އެއީ އަހަންނަކީ މުސްލިމަކަށް ނުވާތީ" ކަމަށެވެ.
އަދި އޭގެ ފަހުގައި ދެން ލިޔެފައިވާ މެސެޖަކީ ގިނަ ބަޔަކަށް އޭގެން ބުނެދީފައިވާ އިބްރަތްތެރި މެސެޖު ކަމުގޮސް އެފޮޓޯ މީސްމީޑިއާގައި ވައިރަލްވެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނު ކަމަކަށް މިވަނީ ވެފައެވެ. އެގޮތުން އެމެސެޖުގައި ބުނެފައިވާ ގޮތުން "ދެން އެމީހުން އައީ އަހަރުމެންނާ ދިމާލަށް، އެކަމަކު އަހަރުމެންނަށްޓަކާ ބަސްބުނާނެ މީހަކު މިހާރަކު ނެތް" ކަމަށެވެ.
ކޮންމެއަކަސް މި މެސެޖުން ބުނެދޭ ވާހަކައަކީ ވަރަށްވެސް އިބްރަތްތެރި ވާހަކައެކެވެ. އަހަރުމެންގެ މިމުޖުތަމައުގެ ތެރޭގައި ގިނަ ފަރުދުންގެ ކިބައިން ފެންނަ ކަމެކެވެ. އެކަމެއްގެ ސަބަބުން ތިމާއަށް ގެއްލުމެއް ނުވަތަ ފައިދާއެއް ނުވާނަމަ އެއީ ތިމާއާއި ބެހޭ ކަމެއް ކަމަށްދެކި އެކަމެއްގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބިގެންދާތަން ފެނުނު ކަމުގައިވިޔަސް އަހަރުމެންނަކީ ކަނު ބަޔަކަށް ވެއެވެ. އެހެން ނަމަވެސް ތިމާއަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އޭރު އެމީހަކަށް ކުރެވުނު އިހްސާސްވެސް ތިމާއަށް ކުރެވެއެވެ. އެހެން ނަމަވެސް އޭރު ވަގުތު ފާއިތުވެދެއެވެ.
މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު ދައުރުވަމުންދާ މި ފޮޓޯ ހިއްސާކޮށް ގިނަ ބަޔަކު މިހާރު ގެންދަނީ ދެން މިފަދަ ހާލަތެއް މެދުވެރިވެގެން ދާނީ އެކުވެރި އިންޑިއާއަށް ކަމަށެވެ. އެގޮތުން އިންޑިއާގެ ހިންދޫއިން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަކަށް އިޝާރާތްކޮށް ގިނަ ބަޔަކު މިމެސެޖު ގެންދަނީ ހިއްސާކުރަމުންނެވެ.

