ސްރީލަންކާގެ ބޮޑުވަޒީރު މަހިންގަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ނިންމަވައި އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފިއެވެ.
ސްރީލަންކާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ނިންމަވާފައިވަނީ، އެގައުމުގެ ރައްޔިތުން މިހާރު ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ އާންމު މަސްލަހަތު ގޯސްވެ ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ނިންމަވާފައިވަނީ ސިޔާސީ ހަމަޖެހުން ގާއިމު ކުރުމަށާއި ހުރިހާ ފަރާތްތަކުން ގުޅިގެން ގައުމު ކުރިއަށް ގެންދިއުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުންނެވެ.
ސްރީލަންކާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވާލަން ވަނީ ނިންމާފައެވެ. އެގޮތުން ވަގުތީ ސަރުކާރު އެކުލަވާލެއްވުމަށް އެގައުމުގެ ރައީސް ގޮޓަބާޔާއާއި މަހިންދަ ރާޖަޕަކްސަ ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
ސްރީލަންކާގެ އިގްތިސާދީ ހާލަތު ދަށްވުމާއި ގުޅިގެން އެގައުމުގެ ރައްޔިތުން މިހާރު ގެންދަވަނީ މުޒާހަރާ ކުރަމުންނެވެ. މިމުޒާހަރާތަކާއި ގުޅިގެން ގައުމު ހަލަބޮލިވެ، އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އޭގެ އިތުރުން ކާފިއުވެސް ވަނީ އިއުލާންކޮށްފައެެވެ.
ކުއްލި ހާލަތު އިއުލާނުކޮށް ކާފިއު ހިންގަމުން ދިޔަ ނަމަވެސް އެގައުމުގެ އެކި ހިސާބުތަކުގައި މުޒާހަރާތައް މިހާރުވެސް ދަނީ ކުރަމުންނެވެ.

