އައްޑޫ ސިޓީގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަކާއި ގުޅިގެން އަންހެނަކު ހައްޔަރުކޮށްފައިވާ މައްސަލައާއި ގުޅިގެން ތަފާތު ގޮތަކަށް ވާހަކަ ދެކެވޭތީ އެކަން ހިނގައިދިޔަގޮތް ހޯދުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން މައްސަލަ ބަލަން ނިންމައިފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިމައްސަލައާއި ގުޅިގެން. ރޮޒައިނާ އާދަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 6 އަހަރުގެ ކުއްޖާގެ މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފައިވާ އިރު، އެމައްސަލަޔާއި ގުޅުންހުރި އެކި ވާހަކަ އެކި ގޮތަށް ދެކެވޭތީ އެކަމުގެ ހަގީގަތް ކަމާބެހޭ ފަރާތްތަކުން އޮޅުން ފިލުވުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވައިދިނުމަށް އެދިފައިވާ ކަމަަށެވެ.
އަދި އެބައްދަލުވުން ބާއްވައި ދެއްވާނެ ކަމަށް އެކޮމިޓީގެ ޗެއަރ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ދެއްވާފައިވާ ކަމަށާއި، މިހާރުވެސް އެކަމާއި ގުޅޭ މައުލޫމާތު ލިޔެކިޔުމުން ހޯދުމަށް ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމުން ނިންމަވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ކަމުގެ ހައްސާސް ކަމުން މަޖިލީހަށް ކަމާއި ގުޅޭ ފަރާތްތައް ވައްދައިގެން މައުލޫމާތު ދެއްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ވަގުތުން ޖަވާބު ލިބުން މުހިންމު ކަމުގައި ދެކެން. ކުށެއް ނެތް މީހަކަށް އެންމެ ހިނދުކޮޅަކުވެސް ނުހައްގުން އަދަބެއް ލިބޭކަށް އަޅުގަނޑު ހަމަ ގައިމުވެސް ނޭދެން. – ރޮޒައިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީގެ ގިނަ ބަޔަކު ގެންދަނީ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކަމާއި ގުޅުން ހުރި މީހެއް ނޫން ކަމަށާއި، އޭނާއަށް ނުހައްގުން އަދަބު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެމައްސަލައިގައި ފުލުހުންނާއި ކަމާ ގުޅޭ މުވައްސަސާތަކުން އަމަލުކުރަމުންދާ ގޮތް ކުށްވެރިކޮށް އަޑުއުފުލާފައެވެ. އަދި އެކަމާއި ގުޅިގެން އައްޑޫ ސިޓީ ގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި ގުޅިގެން ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައިވެސް ވެއެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެކުއްޖާ ކިޔަވަންދާ ސްކޫލްގައި ވަޒީފާ އަދާކުރާ 59 އަހަރުގެ އަންހެނެކެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. އެކަމާއި ގުޅިގެން އެއަންހެން މީހާ ހައްޔަރުކޮށްފައިވަނީ ނުހައްގުން ކަމަށާއި، ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި އެކުއްޖާގެ ކާފަ ހައްޔަރުކުރުމަށް ގޮވާލާ އައްޑޫ ސިޓީގައި ވަނީ މުޒާހަރާތަކެއް ވެސް ކޮށްފައެވެ.

