ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރ ނަމާލް ރާޖަޕަކްސާ އިސްތިއުފާ ދެއްވައިފިއެވެ.
ސްޕޯޓްސް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ނަމާލް ރާޖަޕަކްސަ ބުނެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން މިހާރު ކުރިއަށްދާ ކެބިނެޓް ބައްދަލުވުމުގައި އޭނާގެ ނިންމެވުން އަންގަވާފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަދި ނަމާލް ކުރެއްވި ޓުވީޓެއްގައިވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމާލް ވިދާޅުވީ، އޭނާ ފުރުއްވަމުން ގެންދެވި ހުރިހާ މަގާމްތަކަކުން އިސްތިއުފާ ދެއްވާފައިވާކަން އެގައުމުގެ ރައީސް އަށް އަންގަވާފައިވާ ކަމަށެވެ.
މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އިތުރުން ނަމާލް ރާޖަޕަކްސާ އަކީ، ސްރީލަންކާގެ މިނިސްޓްރީ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގްގެ މިނިސްޓަރެވެ. އަދި އޭގެ އިތުރުން އެގައުމުގެ ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ ގެ މަގާމުވެސް ނަމާލް ދަނީ ފުރުއްވަމުންނެވެ.
ނަމާލް އަކީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުންނެވެ. މިއަދު އެގައުމުގެ ބައެއް މީޑިއާތަކުން ވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ ހަބަރުތަކެއްވެސް ފަތުރާފައެވެ. އެހެން ނަމަވެސް އެގައުމުގެ ސަރުކާރުން ވަނީ އެކަން ދޮގުކުރައްވާފައެވެ.
ލަންކާގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ އިތުރުން ކާފިއު ހިންގަން ވަނީ ފަށާފައެވެ. އެހެން ނަމަވެސް މިހާރުވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާކުރަމުން ގެންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

