ސްރީލަންކާ ސަރުކާރާއި ދެކޮޅަށް އެގައުމުގައި މިހާރު ކުރަމުންދާ މުޒާހަރާގައި ބައިވެރިވުމަށް ރާއްޖޭގައި ދިރިއުޅުއްވާ ސްރީލަންކާގެ ރައްޔިތުން މުޒާހަރާ ކޮށްފިއެވެ.
އެގޮތުން އެކި ޝުއޫރުތައް ލިޔެފައި ތިބި ބޯޑުތަކެއް ހިފައިގެން ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންގެ ބަޔަކު މުޒާހަރާ ކޮށްފައިވަނީ އެގައުމުގެ ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.
އެގޮތުން ކޮރަޕްޓް ވެރިންގެ ކިބައިން ސްރީލަންކާ ސަލާމަތް ކުރުމަށާއި، މުޒާހަރާކުރުން ހުއްޓާލާނީ އެމީހުން ހާސިލްކުރަން ބޭނުންވާ ކަންތައް ހާސިލް ކުރުމަށް ފަހުގައި ކަމަށްވެސް މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި ވަނީ ލިޔެފައެވެ.
ރާއްޖޭގެ އިތުރުންވެސް އެހެނިހެން ގައުމުތަކުގައިވެސް އެގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ ލަންކާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ.
ސްރީލަންކާގައި އެގައުމުގެ ރައީސް ގޮޓަބަޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ކެބިނެޓް އެއްކޮށް މިރޭ ވަނީ އިސްތިއުފާ ދެއްވާފައެވެ.
ސްރީލަންކާގެ ރައްޔިތުން މުޒާހަރާ ކުރަން ނުކުމެ އެގައުމުގެ ހާލަތު ގޯސްވެފައިވަނީ، އެގައުމުގެ ފޮރިން ރިޒާވް ދަށަށް ގޮސް ގައުމުގެ އިގްތިސާދު ހީނަރުވުމާއި ގުޅިގެން އެގައުމަށް ކޮންމެހެން ބޭނުންވާ ތެލާއި ބޭހާއި އެނޫނަސް ޒަރޫރީ ބޭނުންތަކަށް ކޮންމެހެން މުހިންމު ތަކެއްޗަށް ފައިސާ ނުދެއްކުމުގެ ސަބަބުން ގައުމުގެ ރައްޔިތުންނަށް އެކަމުގެ އަސަރު ކުރަން ފެށުމުންނެވެ.

