2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާނެ ކަމަށް ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމާމެދު ޕާޓީގެ ކައުންސިލްގައި ވިޔަސް އަދި ލީޑަރޝިޕް ލެވަލްގައި ވިޔަސް މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށާއި ޕާޓީގެ ކޮންގްރެސުން ނުވަތަ ޕާޓީގެ ކައުންސިލުން އެހެން ގޮތެއް ނުނިންމާހާ ހިނދަކު ޕާޓީގެ ކެންޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކަމަށެވެ.
ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ތައްޔާރީތައް ވާން ފަށާފައެވެ. މިއިންތިޚާބާއި ބެހޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވަނީ އިންތިޚާބުގެ ނަތީޖާ ހަދާ ސޮފްޓްވެއާ އަކީ މާކުރީގެ ސޮފްޓްވެއަރ އަކަށް ވާތީ އެ ސޮފްޓްވެއަރ އަޕްޑޭޓްކުރުމުގެ ޕްލޭންތަކެއް މިހާރުވެސް ކުރިޔަށް ގެންދާ ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދާ ނެޓް ބުކްތަކާއި ޓެބްލެޓްތައްވެސް ބަދަލު ކުރަންޖެހޭކަމަށާއި، އިސްލާހުކުރަން ހުރީ ކޮންކަން ތައްތަކެއްތޯ ބަލައި ދިރާސާކޮށް މަޝްވަރާތައް ކުރަމުންދާ ކަމަށް ފުއާދު ވިދާޅުވިއެވެ.

