ސްރީލަންކާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ނުކުމެ ކުރަމުންދާ މުޒާހަރާއާއި ގުޅުނު އެގައުމުގެ ފުލުހަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެން ފަށައިފިއެވެ. އޭނާ ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ގޮސް އޭނާ ހުރީ ރައްޔިތުންނާއެކު ކަމަށް ހާމަކޮށްފައެވެ.
ލަންކާގެ ފުލުސް މީހާ މުޒާހަރާގެ ބައިވެރިންނާ ބައިވެރިވެ އެމީހުންނާއެކުގައި ހުންނެވިކަން އިއުލާނު ކުރެއްވުމާއެކު ގިނަބަޔަކު ވަނީ އުފާފާޅުކޮށްފައެވެ. މިމަންޒަރު ދައްކުވައިދޭ ވީޑިއޯ މިހާރު މީސްމީޑިއާގައި ވައިރަލްވަމުންދާއިރު ގިނަ ބަޔަކުވަނީ ފުލުހަކު ރައްޔިތުންނާއި ގުޅުމަކީ ގައުމު ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށްބުނެ އޭނާއަށް ތައުރީފުކޮށްފައެވެ.
މުޒާހަރާގެ ބައިވެރިންނާއި ބައްދަލުކޮށް އޭނާ ބުނެފައިވަނީ " ޔުނީފޯމު އަޅައިގެން ތިބި ނަމަވެސް، އަހަރެމެން މިތިބީ ތިބޭފުޅުންނާއެކު" ކަމަށެވެ.
ސްރީލަންކާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް މެދުކެނޑުމެއް ނެތި ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ކެބިނެޓް އެއްކޮށް ވަނީ އިސްތިއުފާދީފައެވެ. އެހެން ނަމަވެސް އަދިވެސް އެގައުމުގެ ރައްޔިތުން ގެންދަނީ އެގައުމުގެ ރައީސް އިސްތިއުފާދެއްވުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

