ސްރީލަންކާގެ ކެބިނެޓްގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވުމާއި ގުޅިގެން އެގައުމުގެ ކެބިނެޓްގެ މަގާމްތައް ހުސްވެފައިވާތީ، ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ވަނީ މިއަދު 4 ވަޒީރަކު އައްޔަންކޮށްފައެވެ. އެގޮތުން ވަޒީރުން އައްޔަން ކުރެއްވީ، ފުރިހަމަ ކެބިނެޓެެއް އެކުލަވާލެވެންދެން މަޖިލީހުގެ ކަންކަމާއި ގައުމުގެ އެހެނިގެން މަސައްކަތްތައް ގާނޫނީ ގޮތުން ދެމެހެއްޓުމަށްޓަކައި ކަމަށް ލަންކާގެ ރައީސް އޮފީހުން ވިދާޅުވިއެވެ.
އެގައުމުގެ ރައީސް ގޮޓަބަޔާ ވަނީ، މިހާރު ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގައި ރައްޔިތުންގެ މަޖިލީހުގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ ޙިއްސާ އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ދާއިމީ ކެބިނެޓެއް އެކުލަވާލާނީ ހުރިހާ ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް އެގައުމުގެ ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިސާދީ ހީނަރުކަމުން އަރައިގަނެ، ގައުމު ހަމައަކަށް އެޅުވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެގައުމުގެ ރައީސް ގޯޓަބަޔާ ވަނީ އެދިވަޑައިގެންފައެވެ.
ފޯޓްގައި ހުންނަ ޕްރެޒިޑެންޓްސް ހައުސްގައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މިއަދު ހުވާކުރެއްވި 4 ވަޒީރުންނަކީ؛
- އެޑިއުކޭޝަން މިނިސްޓަރ – ދިނޭޝް ގުނަވަރުދަދަ
- މިނިސްޓަރ އޮފް ފޮރިން އެފެއަޒް – ޕްރޮފެސަރ ޖީ އެލް ޕީރިސް
- މިނިސްޓަރ އޮފް ހައިވޭސް – މިސްޓަރ ޖޯންސްޓޯން ފެނާންޑޯ (ޗީފް ގަވަރމަންޓް ވިޕް) ގެ އިތުރުން
- މިނިސްޓަރ އޮފް ފިނޭންސް – މިސްޓަރ އަލީ ސަބްރީ އެވެ.
ސްރީލަންކާގެ ކެބިނެޓް އެއްކޮށް އިސްތިއުފާދެއްވި ނަމަވެސް އެގައުމުގައި މިހާރުވެސް ގެންދަވަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވަނީ އެގައުމުގެ ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުން ކަމަށްވެސް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

